މިއަހަރު ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ނުކުރައްވަން ނިންމެވުމުން ދުންޔާ މަޢުމޫނު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މަޢުމޫނު އަބްދުލް ޤައްޔޫމުގެ ދަރިކަނބަލުން އަދި މިސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހަތަށް ފިޔަވަޅެއް އަޅުއްވައި ނަޝީދު ނިންމެވި ނިންމެވުމަކީ ހަރުދަނާ ނިންމެވުމެއްކަމަށެވެ.
އަދި އެމްޑީޕީގެ އާ ލީޑަރޝިޕަށް ފުރުސަތު ދެއްވަން ނިންމެވީތީ ދުންޔާ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
14 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ނަޝީދަށް ރިޔާސީ އިންތިޙާބުގައި ވާދަކުރެވޭނެ ފުރުސަތު ނެތްކަމަށް ސަރުކާރުން ބުނެފައިވަނިކޮށް އިންތިޙާބުގައި ވާދަ ނުކުރައްވާނެކަން އިޢުލާން ކުރެއްވީ މިއަދުއެވެ
ރައީސް ނަޝީދުގެ ނިންމެވުމާ ގުޅިގެން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަކީ ސިޔާސީ އާ ސަފުހާއަކަށް އަލިވިލޭނެ ނިންމެވުމެއް ކަމަށާއި އަދި ހިތްވަރުގަދަ އެ ނިންމެވުމުގެ ސަބަބުން އުއްމީދުގެ އަލިކަން ދިވެހި އުއްމަތަށް ގެނެސްދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ނަޝީދުގެ އަމަލުތައް އިބުރަތްތެރި މިސާލަކަށް ވާނެ ކަމަށާއި އެކަމުގެ ސަބަބުން އެކުވެރި ގުޅުމަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.
ނަޝީދު ވަނީ ރިޔާސީ އިންތިޙާބަށް ކެމްޕެއިންވެސް ފަށާފައެވެ. އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަން ޔަޤީން ވުމުން ނަޝީދު މިނިންމުން ނިންމެވި ނަމަވެސް، އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގެ ރޭހަށް ނިކުންނާނެނީ ކާކުކަމެއް އަދި ހާމައެއް ނުކުރެއެވެ.
އެމްޑީޕީގެ އަސާސީ ޤަވައިދުގައި ބުނެފައިވާ ގޮތުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީ އަކުންނެވެ.