އައްޑޫ ސިޓީ ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ސަރުކާރަށް ނެގި ގޯތިތައް މިއަދު ހަވާލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ
އެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހަވީރު 4:30 ގައި ހިތަދޫ ފްލެޓް ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފައެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނެފައިވަނީ ގޯތިތައް ދޫކުރުމަށް ނިންމާފައި ވަނީ އެސަރަހައްދު ސާފުކުރެވިގެން ކަމަށާއި ސާފުކޮށް މަގުތައް ހަދައިގެން އަދި ދޫކުރެވެން ފެށުނީ 30 ގޯތި ކަމަށެވެ. މިއަދު ފެށި މި މަސައްކަތުގައި ގޯތި ދޫކުރުމުގައި އިސްކަންދެނީ ގޯތިތަކަށް އިއުލާން ކުރުމާއެކު ފޯމްތައް ހުށަހަޅައި ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ .
އަދި ކުރިއަށް އޮތްތަނުގައި އިތުރު ގޯތިތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަަމަށާއި، އަންނަ ޖުލައި މަސް ތެރޭގައި ހުރިހާ ގޯތިތަކެއް ދޫކޮށް ނިންމާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހައުސިން އިން ބުނެއެވެ.
އީސީސީ ސަރަހައްދުން ސަރުކާރުން ނެގި ގޯތިތައް ލިބި އަދި ދައުލަތަށް ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތުތައް އެއްކުރުމަށް 2016 ވަނަ އަހަރު ކުރި އިއުލާނާއި، އަދި މި އަހަރު މެއި މަހު ކުރި އިއުލާނާއި ގުޅިގެން ހައުސިން އަށް ހުށަހަޅާފައި ވަނީ 370 ފަރާތަކުން ނެވެ.
ހައުސިން މިނިސްޓްރީން ބުނީ އަދިވެސް އެ ހިސާބުން ގޯތިތައް ލިބި ދައުލަތަށް ނަގާފައިވާ އެ ގޯތިތަކުގެ މައުލޫމާތުތައް އެކި ސަބަބުތަކާއިހުރެ މިނިސްޓްރީއަށް ހުށަނާޅާ ހުރި ފަރާތްތަކަށް އެ ފުރުަސަތު އެބަ އޮތް ކަމަށާއި، ނަމަވެސް ފުރަތަމަ އިސްކަމެއް ދޭނީ، ފުރަތަަމަ ހުށަހެޅި 370 ފަރާތަކަށް ގޯތި ދޫކުރުމަށް ކަމަށެވެ..
މި ގޯތިތައް ދޫކުރަނީ އީސީސީ ސަރަހައްދާއި މާ ދުރަކުން ނޫނެވެ. މިހާރު ގޯތިތައް ދޫކުރަނީ ނިމިފައި ހުރި ފްލެޓްތަކުގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ދޭން ނިންމާފައި ވަނީ 3000 އަކަފޫޓުގެ ބިމެކެވެ.
ސާކް ސަމިޓް ބޭއްވުމަށް އެމްޑީޕީގެ ސަރުކާރުން އައްޑޫ ރައްޔިތުންގެ އަތުން ގޯތިތައް ނަގާފައިވަނީ އެފަރާތްތަކަށް ގޯތީގެ ބަދަލުދޭގޮތައް 2011 ވަނަ އަހަރުއެވެ. އެހެންނަމަވެސް ބަދަލު ދީފައި ނުވާތީ ބައެއްފަރާތްތަކުން ވަނީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައެވެ.
އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އަޅަން ސަރުކާރަށް ނެގި ގޯތިތަށް ހަމަ އެސަރައްޙައްދުން، އަނބުރާ ދިނުމަށް ނިންމެވިކަން އިކޮނޮމިކް މިނިސްޓަރ މެދުވެރި ކުރައްވާ އައްޑޫގައި ޕީޕީއެމުން ބޭއްވި ބޮޑު ރެލީގެ ތެރެއިންވަނީ މީގެ ކުރިން އިއުލާންކުރައްވާފައެވެ.