English Edition
Dhivehi Edition

ޝަހުސު އޮޅުވާލި ދައުވާ ފާރިސް މައުމޫންގެ މައްޗަށް ސާބިތުވެ އޭނާ ހަަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، އޭނާ ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން މިރޭ އިއްވި ޙުކުމުގައި ވިދާޅުވީ ފާރިސް ޝަހުސު އޮޅުވާލާފައިވާ ކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޝައްކެތް ނެތް މިންވަރަށް ޝަރީޢަތައް ސާބިތުވާތީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާކަމަށެވެ.

ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޕީޕީއެމް އިން ފާރިސް މަޢޫމޫން ވަކިކޮށްފައި ވަނިކޮށް، 2017 މާރިޗު 22 ވަނަ ދުވަހު ބައެއް ސިޔާސީ ޕާޓީތަކުން މޫކައި ސޫޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޕްރެސް ކޮންފަރެންސްގައި ފާރިސް އިންނެވި ގޮނޑީގެ ފަހަތުގައި ޕީޕީއެމްގެ ލޯގޯ ޖެހި ދިދައެއް ހުރި ކަމަށާއި އެ ޕްރެސްގައި ފާރިސް ތަމްސީލް ކުރަނީ ޕީޕީއެމް ކަމަށް ބުނެފައިވާ ކަމަށް ހުކުމްގައި ވެއެވެ. އަދި ދިފާއުން ހުށަހެޅި ހެކިވެރިއެއް ކަމަށްވާ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަޒްމޫން އަހްމަދު ވެސް ފާރިސް އިންނެވި ގޮނޑީގެ ފަހަތުގައި ޕީޕީއެމްގެ ދިދައެއް އިންކަމަށް ހެކިބަސް ދީފައިވާކަން ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

ފާރިސް މަޢުމޫން ޕީޕީއެމް އިން ވަކިކުރަން އެ ޕާޓީން ނިންމި ނިންމުން އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ފާރިސް އިސްތިއުނާފު ކޮށްފައި ނުވާއިރު، ޕީޕީއެމް އިން ވަކި ނުކުރެވޭނެ ކަމަށްބުނެ ފާރިސް ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި ވަކި ގޮތެއް ކަނޑަނާޅަނީސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށްބުނެ ފާރިސް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްފައި ވުމުން އެ ނިންމުމަށް ފާރިސް ތާއީދު ކުރާކަން ހާމަވާކަމަށްވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.