English Edition
Dhivehi Edition

ސިފައިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާ ބުނެ ފަތުރަމުންދާ ދޮގު ވާހަކަތަކާއި ހަބަރުތަކަކީ ގައުމީ ދިފާއީ ބާރުގެ ހުރުމަތް ކަނޑާލައި މުއައްސަސާގެ އަގު ވައްޓާލުމުގެ ނިޔަތުގައި ހިންގާ ޕްރޮޕެގެންޑާއެއް ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ. ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ސިފައިން މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް ބުނެ ފަތުރާ ހަބަރަކީ އެ މުއައްސަސާގެ އަގު ވައްޓާލަން ފަތުރާ ހަބަރެއް ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީކަންކަން އެމްއެންޑީއެފްއިން ބަލަހައްޓަމުން ދަނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގަ މަތިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ކަމެއް ވިޔަނުދިނުމަކީ ސަލާމަތީ ބާރުތަކަށް ގާނޫނު އަސާސީން ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ. “މަޖިލީހުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށްފައިވަނީ އެކަމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީގައި އެދިފައިވާތީ . އެއީ މި މަހުގެ 24 ވަނަ ދުވަހުން 31 ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ އެއްވެސް ޖަލްސާއެއް އަދި ކޮމެޓީއެއް ނޯންނާނެ ކަން އިއުލާންކޮށްފައިވަނިކޮށް 24 ވަނަ ދުވަހު ސިޔާސީ ހަރަކާތެއް ހިންގަން މަސައްކަތް ކުރި ބަޔަކު މަޖިލިސް ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފައިވާތީ . އަދި މަޖިލިސްގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ޖެހުނީ އެ ދުވަހު ހިންގާ ސިޔާސީ ހަރަކާތަކީ ގައިރު ގާނޫނީ ހަރަކާތެއް ކަމަށް ފުލުހުން ބުނެފައިވާތީ ދިމިގްރާތީ މުއައްސަސާތައް ހިމާޔަތްކުރުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއެއް ކަމަށްވާތީ” މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. ޑިފެންސް މިނިސްޓްރީން ބުނީ މިއީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކުޑަ ކުރުމަށާއި ރާއްޖެއިން ބޭރުގައި ނުތަނަވަސްކަން އުފައްދައި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ހިންގާ ނާތަހުޒީބު އަމަލެއް ކަމަށެވެ. ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ގާނޫނާ އެއްގޮތަށް ސިފައިންގެ ވާޖިބުތައް އަދާކުރުމަށް އެވަގުތަކު އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައިވެ އެވެ.

ޓެގު