English Edition
Dhivehi Edition

ދިވެހި އަސްކަރިއްޔާ އުވާލުމުގެ ވިސްނުން ގެންގުޅޭ ބަޔަކަށް ރައްޔިތުން ވެރިކަން ހަވާލު ނުކުރާނެ ކަމަށް ދިފާޢީ ވަޒީރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމެއްގައި ދިވެހި އަސްކަރިއްޔާ އުވާލާނެ ކަމުގެ އިންޒާރު ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު ދެއްވުމާއި ގުޅިގެންނެވެ.

ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް މިނިސްޓަރ ވިދާޅުވީ އެ ހިޔާލަކީ “ކޮސް” ބަޔަކު ނޫނީ ފާޅު ކުރާނެ ހިޔާލެއް ނޫން ކަމަށާއި އަދި އެފަދަ ބަޔަކު ރާއްޖޭގެ ވެރިކަމަށް ދިވެހިން ނުހޮވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެމްއެންޑީއެފްއަކީ ރާއްޖޭގެ އައްޑަނަ ކަމަށާއި، ދިވެހި އަސްކަރިއްޔާގައި ގާބިލުކަން އެބަހުރި ކަމަށެވެ. އަދި ކޮންމެ މުއައްސަސާއަކަށް ބޮޑު ކަމެއް ކުރިމަތި ވިޔަސް، އެކަން ހައްލުކުރެވޭ ވަރުގެ ގާބިލު މީހުން އަސްކަރިއްޔާގައި އެބަތިބި ކަމަށް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިތުބާރު ގެއްލޭ ގޮތައް ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވި އިރު، ނަޝިދުގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވި ހުސްނުއްސުޢޫދު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.