English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެމީހުންގެ ހާލު ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެމީހުންނަށް ފަރުވާދެމުން އަންނައިރު، ވީހާ ވެސް އަވަހަކަށް އިތުރު ފަރުވާ އަށްއެމީހުން މާލެ ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނެއެވެ.

އެކްސިޑެންޓްގައި ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިގެން އައިސީޔޫގައި ފަރުވާ ދެނީ ފޭދޫ ހަވީރީ ނާޒް، މުހައްމަދު އަފްރާހް (ޔޫޓީ)، 25، އާއި ހިތަދޫ ކޮށާނޫރޫ، ހުސައިން އަލީ، 35، އަށެވެ.

ރޭ ދަންވަރު 01:18 ހާއިރު ފޭދޫ ބޮޑު މަގުގައި ހުންނަ ޓެޓްސީ ރެސްޓޯރަންޓް ކައިރީގަ އި ހިނގި އެ އެކްސިޑެންޓުގައި ދެ މީހުން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ފޭދޫ ސިއްހީ މަރުކަޒަށެވެ. ނަމަވެސް ހާލު ސީރިއަސް ކަމުން ދެ މީހުން ވެސް ވަނީ ވަގުތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި އަނިޔާ ލިބިފައިވަނީ އެކްސިޑެންޓުވި ދެމީހުންގެ ބޮލަށެވެ.