ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވަނީހުޅުވާލާފައި ކަމަށެވެ.
ހައި ކޯޓު ފަނޑިޔާރު ކަމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އޮތުމާ އެކު ގާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމެވެ. އަދި އުމުރުން 25 އަހަރުވެފައި ވުމާއި ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ކަނޑައަޅާފައިވާ ޝަރުތެކެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު ފަންސާސް ހަތަރު ހާސް ރުފިޔާ ކަނޑައަޅާފައިވާ އިރު، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސް ވެސް ލިބޭނެއެވެ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، އުއްތަމަ ފަނޑިޔާރުގެ މަގާމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް މިހާރު ވަނީ މަގާމެއް ހުސްވެފަ އެވެ. އުއްތަމަ ފަނޑިިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދުގެ މައްޗަށް ކުށެއް ސާބިތުވެގެން އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ތާއީދު ކުރުމާ އެކު އެ ބޭފުޅުންނަށް ވަނީ މަގާމު ގެއްލިފައެވެ.
މި ވަގުތު ހައި ކޯޓުގައި ނުވަ ފަނޑިިޔާރުން އެބަ ތިއްބެވިއެވެ. އެންމެ ފަހުން ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ހަސަން އަލީއެވެ.
އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުންނެވެ.