English Edition
Dhivehi Edition

ފޭސްބުކަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ސޯޝަލް ނެޓްވޯކެވެ. އެތައްބަޔަކު އެނެޓްވޯކްގައި އުޅޭ އަދި އެކަމުން ސަލާމަތް ނުވެވިފައި އޮތް ‘ވަބާ’ އެކެވެ. ފޭސްބުކަކީ އޭގެެ ޒާތުގައި ބޭނުންތެރި އެއެްޗަކަށް ވީނަމަވެސް އޭގެ ގެއްލުމާއި މެދު ވިސްނާލަންޖެހެއެވެ. ބައެއް މީހުންގެ އެންމެ ގާތް އެކުވެރިއަކަށް ފޭސްބުކް ހަދާފައިވާއިރު ދިރިއުޅުމުގެ ކޮންމެ ކަމެއް އެންމެ އަވަހަށް ހިއްސާ ކުރާ ބައިވެރިއަކީ ފޭސްބުކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް މިކުރެވެނީ ރަނގަޅުކަމެއްބާވައޭ ވިސްނާލަނީ ކިތަށް މީހުން ހެއްޔެވެ. ފޭސްބުކްގައި ގިނަވަގުތު ހޭދަކޮށް ގިނަ ކަންކަން ޕޯސްޓްކުރާ މީހުންގެ ދިރިއުޅުންހުންނަ ގޮތް ވަރަށް ރަނގަޅަށް އެމީހެއްގެ ޕްރޮފައިލް އިން އެނގިގެން ދާނެއެވެ. އަދި އެކަން ދެނެގަތުމަށްޓަކައި ފޭސްބުކް ކުންފުނީގެ ފަރާތުން މެދުކެނޑުމެއްނެތި އެކި އެކި ދިރާސާތައް ކުރަމުންދެއެވެ. މީގެ ސަބަބުން ކުރިއަށްއޮތް ތަނުގައި އެމީހަކަށް އެމީހަކު އެނގޭވަރަށްވުރެ ބޮޑަށް ފޭސްބުކަށް އެމީހަކު އެނގުމަކީ ދުރުގައިވާކަމެއް ނޫނެވެ. އަދި މިގޮތަށް ފޭސްބުކްގައި ގިނަ ފޯސްޓްތައް ހިއްސާކުރުމަކީ އެމީހަކަށްް އޮތް ނުރައްކަލަކަށްވުން ވެސް ގާތެވެ. އެހެނީ މީހުންގެ ފަސްމަގު ބަލަމުން ދާމީހުން މިޒަމާނުގައި ގިނަވެފައިވާތީއާއި، އެމީހުންގެ ފަރާތުން ނުރައްކާތަކެއް ގިނަ ބަޔަކަށް ވެފައިވަނީ ފޭސްބުކުގެ ސަބަބުންކަމަށް ވުމުންނެވެ. ރައްޓެހިން ފޭސްބުކްގައި ޕޯސްޓް ކުރާ ޕޯސްޓްތަކުގެ ސަބަބުން އެހެންމީހުން ގެ މޫޑް ބަދަލުކޮށްލައެވެ. އެގޮތުން މިކަން ދެނެގަތުމަށްޓަކައިވެސް ދާދި ފަހުން އެމެރިކާގައި ބައިމިލިއައަނެއްހާ މީހުން ބޭނުންކޮށްގެން ދިރާސާއެއް ހެދިފައިވެއެވެ. އެގޮތުން މިދިރާސާގައި ‘ޕޮޒިޓިވް’ އަދި ‘ނެގެޓިވް’ ފީޑްްސްތައް ބައިވެރިންނާއި ހިއްސާ ކުރެވިފައިވެއެވެ. އެއަށްފަހު އެފަރާތްތަކުން ޕޯސްޓްކުރާ އެއްޗެހިތައް ބެލިފައިވެއެވެ. ދިރަސާއިން އެނގުނުގޮތުގައި ގިނައިން ‘ޕޮޒިޓިވް’ ފީޑްސް ފެނުނު މީހުން ޕޯސްޓްކޮށްފައި ވަނީ ޕޮޒިޓިވް ކަންކަމެވެ. އަދި ގިނައިން ނެގެޓިވް ޕޯސްޓްތައް ފެނިފައިވާ މީހުން ކޮށްފައިވަނީ ނެގެޓިވް ޕޯސްތަކެވެ. މާގިނައިން ފޭސްބުކް ބޭނުންކުރާ މީހުން ޑިޕްރެޝަންއަށް ދިޔުމަށް މަގުފަހިވާކަމަށް ބުނުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިދާނެއެވެ. އެހެންނަމަވެސް އެމެރިކާގައި ދާދިފަހުން ހެދި ދިރާސާއަކުން މިކަން ކަށަވަރު ކުރެވިފައިވެއެވެ. އޭގެ އިތުރުން ޔުނިވާރސިޓީ އޮފް ހޮސްޓަންގައި ސޯޝަލް ސައިކޮލަޖީއިން ޕީ.އެޗް.ޑީ ހަދަމުންދާ ފަރާތެއްކަމަށްވާ މައި-ލީ ސްޓީރ ގެ ދިރާސާއަށްފަހު އޭނާ ބުނެފައިވާގޮތުގައި ގިނަ އިރު ސޯޝަލް މީޑިއާ ގައި (ހާއްސަކޮށް ފޭސްބުކްގައި) ވަގުތު ހޭދަކުރާމީހުގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައް ފެންނަން ހުންނަކަމަށެވެ. އަދި މިގޮތަށް ވަނީ ސޯޝަލް މީޑިއާގައި އުޅޭ އެހެނިހެން މީހުންނާއި ތިމާގެ ނަފްސު އަޅާކިޔެވޭތީއެވެ. މިކަމަކީ އެމީހަކަށް އެކަމުގެ އިޙްސާސް ނުކުރެވި ކުރިމަތިވަމުންދާނެ ކަމެކެވެ. ފޭސްބުކްގައި ހޭދަކުރާ ވަގުތު ގިނަވާނަމަ އެމީހަކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެގެންދެވެއެވެ. ސަބަބަކީ ގިނަ ވަގުތު ފޭސްބުކްގައި ހޭދަކުރުމުން ގިނަ މީހުންގެ ފަރާތުން ޕޯސްޓް ކުރާ ފީޑްސްތައް ފެނި އެތަކެއްޗަށް ސިކުނޑި ހޭނިގެންދާތީއެވެ. އަދި އެމީހަކު އަމިއްލަ ކަމަކާއި ވިސްނާލާއިރަށް އެޕޯސްޓްތައް ހަނދާނަށް އައިސް ދިރިއުޅުމުގެ ކަންކަން ނިންމުމުގައި އަމިއްލަ ވިސްނުމަށް ބަރޯސާ ވެވޭވަރު މަދުވެގެންދެއެވެ. މީގެ އިތުރުން އަމިއްލަ އުފެއްދުންތެރިކަން ކުޑަވެގެން ދެއެވެ. މިޒަމާނުގައި ފޭސްބުކަކީ މުހިއްމު އެއްޗަކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެހެންނަމަވެސް އޭގެ މުހިއްމުކަން އިޙްސާސްކުރެވޭނީ ރަނގަޅު ގޮތުގައި އެބޭނުންކުރެވޭ ނަމައެވެ. އެމީހަކު ފޭސްބުކްގައި ޕޯސްޓް ކުރާ ޕޯސްޓްތަކަކީ އެމީހެއްގެ މިޒާޖާއި، ދިރިއުޅުމުގެ ހާލަތު އަންގައިދޭ ކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނަމުން ދެއެވެ. އެހެންކަމުން މިހާރަކަށް އައިސް ވަޒީފާ ފަދަ ކަންކަމަށް މީހުން ކުރިމަތިލާއިރު އެމީހެއްގެ ފޭސްބުކް ޕްރޮފައިލް ބަލާހަދައެވެ. އެހެންކަމުން ފޭސްބުކަކީ އެމީހަކު ދިރިއުޅެމުންދާ ގޮތް ދައްކުވައިދޭ އެއްޗަކަށް މިވަނީ ވެފައެވެ.

ޓެގު