ފީފާ ވޯލްޑް ކަޕްގައި ރޭ ސެނެގާލް އާއި ޖަޕާން ބައްދަލުކުރި މެޗު 2-2 ލަނޑުން އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭގެ މިނަތީޖާ އާއި އެކު ގްރޫޕް އެޗްއިން އެއްވެސް ޓީމަކަށް ގަދަ 16ގެ ޖާގައެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. މިގްރޫޕުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު ޖަޕާނާއި ސެނަގާލަށް ވަނީ ދެމެޗުން ހަތަރު ޕޮއންޓް ލިބިފައެވެ. އަދި ޕޮލެންޑް ބަލިކޮށް ތިން ޕޮއިންޓާއި އެކު ކޮލަމްބިއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު އަދި ޕޮލެންޑަކަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިގުރޫޕްގެ ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރާ ޓީމްތަށް އިނގޭނީ އަންނަ ބުދަ ދުވަހުގެ ރޭ 19:00 ގައި ސެނަގާލް އާއި ކޮލަމްބިއާ އަދި ޖަޕާން އާއި ޕޮލެންޑް ބައްދަލު ކުރާ މެޗު ތަކުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.މި ގުރޫޕުން ކޮލަމްބިއާ ދެވަނަ ބުރުގެ ޖާގައެއް ހޯދަން މޮޅުވުން މަޖުބޫރު ވެފައިވާއިރު ޖަޕާނާއި ސެނެގާލްއަށް ޕޮއިންޓަކުންވެސް ފުދެއެވެ.
ގުރޫޕް އެޗްގައި ރޭ މިދެޓީމްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 11 ވަނަ މިނެޓުގައި ސެނަގާލްގެ ކެޕްޓަން ސާޑިއޯ މާނޭގެ ލަނޑުން އެ ޓީމް ލީޑު ނެގި ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ޓަކަޝީ އިނުއީ ސެނަގާލްގެ އޭރިއާ ތެރޭ ހުރެފައި ކާމިޔާބު ކުރި ރީތި ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިނަތީޖާ އާއި އެކު 1-1 ލަނޑުން ދެ ޓީމް ހަމަހަމަ ވެގެން ފުރަތަމަ ހާފް ނުމުނު ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި ސެނަގާލުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދައިފައެވެ. މި ލަނޑު ސެނަގާލްއަށް ކާމިޔާބުކޮށްދީފައިވަނީ އެމްބާޔޭ ނިއަންގް ދިން ބޯޅައަކުން މޫސާ ވޭގްއެވެ.
މުސާ ވޭގްގެ ލަނޑުން ސެނަގާލް ލީޑު ނެގި ނަމަވެސް ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހޮންޑާ ވަނީ މެޗުގެ 78 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ޖަޕާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.