English Edition
Dhivehi Edition

ޤާނޫނީ އިމުން ބޭރުން ކަންކަން ކުރައްވަން އަބަދުވެސް ގޮވައިލައްވަނީ ރައީސް ނަޝީދު ކަމަށް ވިދާޅުވެ ޕީޕީއެމްއިން އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ. މަޖިލީސް މެންބަރުންގެ ތަޙުޤީޤުތައް ހުއްޓުވައި ދޭން ވަފާތެރި ފުލުހުންނާއި ސިފައިންގެ ކިބައިން އެދިވަޑައި ގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް އަދި ފ. ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ “ސިފައިންނާއި ފުލުހުންނަކީ ދައުލަތަށް ވަފާތެރިބައެއް. ސިފައިންނާއި ފުލުހުންގެ އެންމެ މަތީވެރިއެއްގެ ގޮތުގައި އަބަދުވެސް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ،” ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުނަވާ ބޭފުޅަކު ޤާނޫނާއި ޤަވާޢިދާ ޚިލާފު އަމުރު ސިފައިންނާއި ފުލުހުންނަށް ކުރެއްވީމައި ވީގޮތް ހަތެއް ފެބުރުއަރީ ދެހާސް ބާރައިގައި އެބޭފުޅުންވަނީ ސާބިތު ކޮށްދެއްވައިފައި ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. “މިޤައުމަކަށްދެން އިރާދަކުރެއްވިއްޔާ ހަތެއް ފެބުރުއަރީ ދެހާސް ބާރައެއް ނާންނާނެ. މިއަދުގެ ރައީސަކީ ޤާނޫނާއި ޤަވާއިދުން ބޭރުން ކަންތައްތައް ކުރައްވާ ބޭފުޅެއްނޫން. ކިތަންމެ ކުޑަކަމެއްވިޔަސް ޤާނޫނުގައި ވަކިގޮތެއް ކަނޑައަޅައިފައި އޮވެއްޖެއްޔާ އެގޮތަށް ޢަމަލު ކުރައްވާތަން އަޅުގަނޑުމެންނަށް މިފެންނަނީ،” ޚަލީލް ވިދާޅުވިއެވެ. އެހެން ކަމުން ސިފައިންނާއި ފުލުހުންނަކީ ދައުލަތަށް ވަފާތެރިވާ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސިފައިންނާއި ފުލުހުންގެ އެންމެ މަތިވެރި ސިފައަކީވެސް ޤާނޫނުޢަސާސީއާއި ޤާނޫނުތަކަށް ބޯލެނބުން ކަމަށްވެސް ވިދާޅުވިއެވެ. ސިފައިންނާއި ފުލުހުންވަނީ މާޒީގައި އެކަން ސާބިތު ކޮށްދެއްވައިފައި ކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ. “ޤާނޫނުޢަސާސީއާއި ޤާނޫނުތަކުން ބޭރުން ކަންތައްތައް ކުރައްވަން އަބަދުވެސް ގޮވާލި ވެރިއަކީ ރައީސް ނަޝީދު. ރައީސް ނަޝީދަށް ތަބާވާ މީހުން މިހާރުވެސް އެދަނީ މަގުމަތީގައި ޤާނޫނުޢަސާސީއާއި ޤާނޫނުތަކާ ޚިލާފުކަންތައް ކުރަމުން. އެހެންވީމައި އެކަންތައްތަކަށް ސިފައިންނާއި ފުލުހުން ފުރުޞަތެއް ނުދޭނެ،” ޚަލީލް ވިދާޅުވިއެވެ.

ޓެގު