އައްޑޫސިޓީގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ އިސްމެހެލާހެރަ ރިސޯޓުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާ ކަމަށާއި ރިސޯޓުގެ 30 އިންސައްތަ މަސައްކަތް އެކީގައި ނިންމާލެވިއްޖެ ކަމަށް ސައުތުޕާމް މޯލްޑިވްސް އިން ބުނެފިއެވެ.
ސައުތު ޕާމް މޯލްޑިވްސްއިން ތަރައްގީކުރާ މި ރިސޯޓުގެ ސާމްޕަލް ރޫމްތަކުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ނިންމާލާފައިވާއިރު މިހާރު ހަލުވި ސްޕީޑުގައި ގެސްޓް ރޫމްތައް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސައުތު ޕާމް މޯލްޑިވްސް ގެ އެމްޑީ އަދި ސީއީއޯ މޫސާ ދީދީ “އޭއޯ ނިއުސް ” އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަށް މަސައްކަތް ނުނިމުނު ނަމަވެސް މިއަހަރުގެ ފަހުކޮޅު ރިސޯޓު ހުޅުވުމަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
“މި ކަހަލަ މަސައްކަތް ތަކުގައި ހީވެސް ނުކުރާ ގޮތްގޮތަށް ޑިލޭ އައުމަކީ އެކަށީގެންވާ ކަމެއް. މަސައްކަތްތަކުގެ ތެރޭގައި އެކަހަލަ ޓެކްނިކަލް ކަންތައް ތައް ދިމާވާނެ. ކުރިން ބުނި ތާރީޚަށް ރިސޯޓު ހުޅުވޭ ގޮތް ނުވިއަސް އުއްމީދަކީ މިއަހަރުގެ ފަހުކޮޅު ރިސޯޓު ހުޅުވި މިތަނުގެ އޮޕަރޭޝަންސް ތައް ފެށިގެން ދިއުން. އެކަމަށް ހިތްވަރާއެކި މަސައްކަތް ކުރަމުން މިދަނީ” މޫސަ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ސައުތު ޕާމް މޯލްޑިވްސް އިން ރަށާ ޙަވާލުވެ އެރަށަށް އެރި އިރު އެއީ ބޮޑު ޖަންގައްޔެއް ކަހަލަތަނެކެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ އެތަނުގެ މަސައްކަތް ކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދެތިން އަހަރު ބޭނުންވާނެކަމަށެވެ. ނަމަވެސް ސައުތު ޕާމް މޯލްޑިވްސް އިން އަބަދުވެސް ބުނަމުން ދިޔައީ އެއް އަހަރު ދުވަހުގެ ތެރޭގައި ރިސޯޓުގެ މަސައްކަތް ނިމި އެތަން ހުޅުވޭ ވަރު ވާނެ ކަމަށެވެ.
100ޕަސެންޓް ދިވެހި މެނޭޖްމަންޓަކާއެކު މޫސަ ފެށި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގޮސް މިހާރު އެރަށަކީ ދިރުން ހުރި ތަނަކަށް ވަނީ ހަދާފައެވެ. އެކި ދިމަދިމާއިން ތަފާތު ގުރޫޕްތަކުން މަސައްކަތް ކޮށް ކަނޑައެޅިފައިވާ ތާރީޚަށް ރިސޯޓު ނިންމުމަށް ކުރަމުން ގެންދާ މަސައްކަތް ފެންނަމުން ދެއެވެ.
ސަޕްލައި ޖެޓީ ނިންމުމުގެ މަސައްކަތް ސިއަރާ ކުންފުނިން ހޭބޯނާރާ ކުރަމުން އަންނަ އިރު އެރަށުގެ ކާޕެންޓްރީގައި ތަނަށް ބޭނުންވާ ފަރުނީޗަރ ތައް ތައްޔާރުކޮށް ދަނީ ނިމެމުންނެވެ. އެއްބަޔަކު ރޫމްތަކުގެ މަސައްކަތް ކުރަމުން ދާއިރު އަނެއް ބަޔަކު މަސައްކަތް ކުރަމުންދަނީ ބީޗް ހެދުމުގައެވެ.
“މިއަދު މި އެޅީ ސްޕާ އިމާރާތުގެ ބިންގާ. ބާކީ ދެން އަލުން ފަށައިގެން އަޅަން ޖެހޭނީ ދެތިން އިމާރާތް. އެނޫން އެހެން ހުރިހާ ތަނެއް އެހެރީ ރާނާ ހިޔާކުރަން ގާތްވެފައި. ތަނަށް ބޭނުންވާ ހުރިހާ ސާމާނެއްހެން ރާއްޖެއިން ބޭރުން ގަނެނިމިފައި ހުރީ. ތަކެތި އައްޑޫއާ ހަމައަށް ފޯރިހާ އަވަހަކަށް ފިނިޝިން މަސައްކަތް ފެށިގެންދާނެ” މޫސަ ކިޔައިދެއްވިއެވެ.
އިސްމެހެލާ ހެރައިގައި މިވަގުތު ހަދާ 80 ރޫމުގެ މަސައްކަތް ކުރަމުން ގެންދަނީ ކޮންޓްރެކްޓަރުންނަށް ހުޅުވާލައިގެން އައުޓްސޯސްކޮށެވެ. މި މަސައްކަތް ކުރުމުގައި އައްޑޫސިޓީގެ މީހުންނަށް ވީހާވެސް ބޮޑަކަށް ފުރުސަތު ދެވޭތޯ ބަލާފައިވާނެކަމަށް މޫސަ ވިދާޅުވިއެވެ.
ރިސޯޓުގައި ގާއިމުކުރާ ފެންޕްލާންޓުގެ މަސައްކަތް ނިމިފައިވާއިރު ޕަވަރ ހައުސްގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށް ދެއެވެ.
“ރިސޯޓުގެ ނަން ރީބްރޭންޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. ރިސޯޓުގެ ފުރަތަމަ ފޭސް ނިމި ރަށް ހުޅުވާނީ އާ ނަމާއެކު ރީބްރޭންޑް ކޮށްގެން” މޫސަ ކިޔައިދެއްވިއެވެ.
2018 ވަނަ ހުޅުވުމަށް ތައްޔާރުވަމުންދާ އިސްމެހެލާހެރައިގެ 60 ރޫމް މިހާރުވެސް ވަނީ ވިއްކާލާފައެވެ. ޔޫރަޕްގެ ޗާޓަރ ފްލައިޓެއް ގެސްޓުން ގޮވައިގެން މި އަހަރު އައްޑޫއަށް އަންނާނެކަމަށާއި އެހާ ހިސާބަށް ރިސޯޓު ހުޅުވޭނެ ކަމަށް އަބަދުވެސް މޫސަ ގެންދަވަނީ ވިދާޅުވަމުންނެވެ.
30 ވޯޓާ ވިލާއާއި 70 ބީޗް ވިލާއާއެކު އިސްމެހެލާހެރަ އައިލެންޑް އެންޑް ސްޕާގެ ފުރަތަމަ ފޭސްގެ މަސައްކަތް ތައް ނިންމާލެވޭއިރު މިއީ ހުޅުމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަން ޔަގީނެވެ.
1.5ކިލޯމީޓަރުގެ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތަށް ތަރައްގީކޮށް ހުޅުމީދޫގެ އިގްތިޞާދަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ މަސައްކަތަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެއްވައުދެވެ.