English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް ހާމިދް

މި ދުވަސްވަރު އެންމެ އޮންނަނީ ފުޓުބޯޅަ ވާހަކައެވެ. މަޝްހޫރު ތަރިން ކުޅޭ ވޯލްޑްކަޕުގެ ވާހަކައެވެ. މޮޅު ޓީމުތައް ކުޑަޓީމުތަކުގެ އަތްދަށުވެ ބަލިވާ ވާހަކައެވެ. ރޭގެ މެޗަށް ބަލާލަމާތޯއެވެ؟

ފުޓްބޯޅައަކީ ޓީމް ވޯކެކެވެ. ޓީމުގެ އެކަކު އަނެކަކާ ނުގުޅެނީސް ހަމަ އެއްފަދައެއްވެސް ނެތެވެ. މިއީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. ރޭ ކްރޮއޭޝިއާ މީހުން އާޖެންޓީނާކޮޅަށް 3 ގޯލު ޖެހީ މެސީގެ މައްސަލައަކުންނޭ އެބަކިޔައި އުޅެއެވެ. ނަމަވެސް، މެސީ ފިޔަވައި އެހެން ކުޅުންތެރިއެއް އެ ޓީމުގައި ނެތީ ހެއްޔެވެ؟

މެސީ އަކީ ދުނިޔޭގައި މިވަޤުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ކުރީގެ ފުޓްބޯޅަ ތަރިން ޤަބޫލުކުރެއެވެ. ރެއާލް މެޑްރިޑްގެ ކެޕްޓަން ސާރޖިއޯ ރާމޮސް ބުނާގޮތުގައި އާޖެންޓީނާގައި މެސީވަރެއް މިހާރަކު ނެތެވެ. އަދި ނުވެސް އަންނާނެ އެވެ. މިފަދަ ބަސްތަކަކީ ތަރިންގެ ދުލުން ބޭރުވާ ބަސްތަކެވެ. އެހެންނޫންތޯއެވެ؟

ރޭގެ މެޗުގައި އާޖެންޓީނާގެ ފަރާތުން އެއްވެސް ކަހަލަ ޓީމްވޯކެއް ނުފެނެއެވެ. ލިބުނު ބޯޅައެއް ހަމަ ޖަހަނީއެވެ. ސްޓްރައިކް ކުރަން އެހެން ކުޅުންތެރިޔަކު ހުރިތޯ ނުބަލަނީއެވެ. ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވަނީ ލަނޑުޖަހައި މޮޅުވާންށެވެ. ޓީމަކަށް ކަމެއް ކޮށްދެވޭތޯ ނުއެއް ބަލައެވެ.

ރޮނާލްޑޯއަކީވެސް މޮޅު ކުޅުންތެރިއެކެވެ. ނަމަވެސް މެސީއާ އެއްފަދަ ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެއް ނޫނެވެ. މި ވޯލްޑުކަޕުގައި ރޮނާލްޑޯގެ މޮޅުކަން ފެނުނަކަސް އެއީ ކުރީގެ ވޯލްޑް ކަޕުތަކުގައި މެސީގެ ކުޅުމާއި އެއްފަދަ އެއްޗެއް ނޫނެވެ.

ކޮންމެޔަކަސް، ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ މެސީ ރޮނާލްޑޯއަށް ވުރެ މޮޅުކަމެވެ. މިއީ ހަމައެކަނި އަޅުގަނޑު ބުނާއެއްޗެއް ނޫނެވެ. މެރެޑޯނާމެން ރޮނާލްޑީނިއޯމެން ފަދަ ބަޠަލުން ބުނާ އެއްޗެކެވެ.

ދެން އާޖެންޓީނާއަށް ފުރުޞަތު އޮތީ މިއަދުގެ މެޗުން އައިސްލެންޑް ބަލިވެގެން ނުވަތަ އެއްވަރުވެގެންނެވެ. ރާއްޖެގަޑިން 20:00 ގައ ކުޅޭ މި މެޗުގައި އައިސްލެންޑް ބައްދަލުކުރާނީ ނައިޖީރިއާ އާ އެވެ.