އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސެލް މުބާރާތްކަމުގައިވާ މިނިވަން ކަޕްގެ މިއަހަރުގެ މުބާރާތުގެ ކައުންޓްޑައުން ފެށުމުގެ ގޮތުން ފްރެންޑްލީ މެޗެއް ކުޅެފިއެވެ.
ރޭގެ މެޗްގައި ބައްދަލު ކޮށްފައި ވަނީ ގައުމު އެފްސީ އާއި ދެކުނު އެފްސީ ހުޅުދޫ ޓީމެވެ. ފޯރީގަދަ ކުޅުމެއް ފެނިގެންދިޔަ މިދެޓީމުންވެސް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. ގައުމު އެފްސީ އިން މި މެޗު ކާމިޔާބުކުރީ ދެކުނު އެފްސީ ހުޅުދޫޓީމް އާއި ބައްދަލުކޮށް 10 ލަނޑު 05 ލަނޑުންނެވެ. ރޭގެ މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވިފައި ވަނީ ގައުމު އެފްސީގެ އިންޝާލް އެވެ.
ރޭގެ މެޗް ޝަރަފްވެރިކޮށްދެއްވީ އަިއލެންޑް އެކްސްޕްރެސް ގެ އެމްޑީ އަހްމަދު އަގީލްއެވެ.
16 ޖުލައިގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު 144 ކުޅުންތެރިން ބައިވެރިވެފައި ވާއިރު 12 ޓީމް ހިމެނެއެވެ. މިއަހަރުގެ މުބާރާތުގައި ހުޅުދޫ މީދޫ ޓީމްތަކުގެ އިތުރުން ކެނަރީފް، ރިސޯރޓް ބޯއިސް އިންނާއި މަރަދޫ އަދި އެހެން މުއައްސަސާތަކުގެ ޓީމްތަކައްވެސް ވަނީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
2009ވަނަ އަހަރުންފެށިގެން ކުރިޔަށް ދާ މި މުބާރާތް މިއަހަރުވެސް ކުޅޭނީ ހުޅުދޫ ފުޓްސަލް ދަނޑުގައެވެ . މިއަހަރުގެ މި މުބާރާތް ކުރިޔަށް ގެންދަނީ ހުޅުދޫގެ ޖަމިއްޔާއެއްކަމަށްވާ “ހުޅުދޫ ސޯޝަލް ކެއަރ” އިންނެވެ.
ފާއިތްވެ ދިޔަ އަހަރުތަކުގައި ހުޅުދޫ މީދޫ ޓީމްތައް އެކަނި މުބާރާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ވަނަ އަހަރުންފެށިގެން މި މުބާރާތުގައި ސަރުކާރުގެ މުއައްސަސާތަކުންވެސް ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 35000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.
މި މުބާރާތާއި ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ފުޓްބޯޅަ ކުރިއެރުވުންކަމުގައެވެ.
“މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ކުޅިވަރު ކުރިއެރުވުމާއި އިޖްތިމާއީ ގުޅުން ރަގަޅުކޮށް މީހުން ހޭލުންތެރިކުރުން.ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން މުބާރާތުގެ ތެރޭގައި މުޖްތަމައުގެ ހުރި އެންމެ ބޮޑު މައްސަލަތަކާއި ބެހޭ ގޮތުން ވާހަކަދައްކަން.މި ގޮތުން މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލަކަމަށްވާތީ އަޅުގަނޑުމެން އެކަމަށް އާންމުން ހޭލުންތެރިކުރުމަށް ގިނަ ހަރާކަތްތަކެއް މުބާރާތުގެ ތެރޭގައި ހިންގަން” މުބާރާތް އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އިބްރާހީމް ސަމީއު(މެރެތަން) ބުންޏެވެ.
“މިމުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ކުރިޔަށް ގެންދާމުބާރާތެއް، އަދި ހުޅުދޫ މަޖްލިސް މެމްބަރ މުޙައްމަދު ޝާޙިދު އާއި އަިއލެންޑް އެކްސްޕްރެސް ގެ އެމްޑީ އަހްމަދު އަގީލްގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބޭ، އެހެންކަމުން މިމުބާރާތަށް އެކި ގޮޮތް ގޮތުން އެހީތެރިވާ ފަރާތްތަކަށް އަދި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން” މެރަތަން ބުންޏެވެ.
އިރާދަކުރެއްވިއްޔާ މިއަހަރުގެ މުބާރަތަކީވެސް ފާއިތުވެ ދިޔަ އަހަރުތަކެކޭ އެއްފަދައިން ފޯރިގަދަ މުބާރާތަކަށް ވެގެންދާނެ.”މެރެތަން ބުންޏެވެ.
2017 އަހަރު ބޭއްވި މިނިވަން ކަޕްގެ ޗެމްޕިއަން ޓީމަކީ އޭޓީ ސްޕޯޓްސް އެވެ.