މަކިޓާ ދިހަވަނަ އެޓޯލްސް ޖޫނިއަރ ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ހުޅުދޫސްކޫލުގެ އެތުލީޓުން 12 މެޑެލް ހޯދައިފިއެވެ. އެ މުބާރާތުގައި ހުޅުދޫ ސްކޫލް ބައިވެރިވި 13 އަހަރުން ދަށުގެ އުމުރުފުރާއިންވަނީ 1 ގޯލްޑް، 8 ސިލްވަރ އަދި 3 ބްރޯންޒް މެޑަލް ހޯދައިފައެވެ. މީގެ އިތުރުން މި މުބާރާތުގައި ހުޅުދޫ ސްކޫލް ވާދަކުރި ހުރިހާ އިވެންޓަކުން އެސްކޫލްގެ އެތުލީޓުން ވަނީ އެކުދިންގެ ހުނަރު ދައްކައި ފައިނަލުން ޖާގަހޯދައިފައެވެ. މި މުބާރާތުގައި އެ ސްކޫލަށް ގޯލްޑް މެޑެލް ހޯދައިދިނީ އައިޝަތު އަމީޝާ ސަލާމް އެވެ. އެއީ 13 އަހަރުން ދަށުގެ އަންހެންކުދިންގެ ލޯންގް ޖަމްޕުންނެވެ. ބްރޯންޒް މެޑަލްތައް ހާސިލުކޮށްފައިވަނީ އަންހެންކުދިންގެ ހާޑް ބޯލް ތްރޯއިން ޝަޖަން އިސްމާއިލް އަދި ފިރިހެން ކުދިންގެ ލޯންގް ޖަމްޕާއި، 80 މީޓަރު ދުވުމުން ހަސަން ނައުޝް ހުސެއިންއެވެ. މީގެ އިރުތުން ސިލްވަރ މެޑަލްތައް ހޯދާފައި ވަނީ 80 x 8 މީޓަރ ރިލޭއިން ފިރިހެން ކުދިންގެ ރިލޭ ޓީމެވެ. މުބާރާތް ނިންމާލުމަށްފަހު އެތުލެޓިކްސް ޓީމް މިރޭ ވަނީ ރަށަށް އައިސްފައެވެ. ޓީމް ރަށަށް އައުމާއެކު ސްކޫލުގެ މުދައްރިސުންނާއި ޕީ.ޓީ.އޭ އަދި ހެޔޮއެދޭ ފަރާތްތަކުންވަނީ ހުރިހާ އެތުލީޓުންނަށާއި އޮފިޝަލުންނަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔައިފައެވެ. ހުޅުދޫ ސްކޫލުގެ ޓީމް ހޯދި ކާމިޔާބީ ފާހަގަ ކުރަމުން ޓީމްގެ މެނޭޖަރ އިބްރާހީމް ޝަރީފް ވިދާޅުވީ މިއީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. ހުރިހާ އިވެންޓަކުން މެޑަލް ހާސިލު ނުކުރެވުނުކަމުގައިވިޔަސް، ބައިވެރިވި ކޮންމެ އިވެންޓަކުން ފައިނަލަށް ސްކޫލްގެ އެތްލީޓުން ދިޔުމަކީވެސް މިފަދަ ބޮޑު މުބާރާތަކުން ލިބޭނެ ވަރަށް ބޮޑު ކާމީޔާބީއެއްކަމުގައި އޭނާ ވިދާޅުވިއެވެ. މި މުބާރާތުގައި ހުޅުދޫ ސްކޫލުން ބައިވެރި ވެފައިވަނީ 17 ދަރިވަރުންނެވެ. އެއީ 9 ފިރިހެން ކުދީންނާއި 8 އަންހެން ކުދީންނެވެ. މިމަހުގެ 26 – 29 އަށް ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި އައްޑޫ ސްކޫލްތަކުގެ އިތުރުން ބައެއް އެހެން އަތޮޅުތަކުގެ ސްކޫލްތަކުންވެސް ބައިވެރިވެފައި ވެއެވެ. އެ ގޮތުން 20 ސްކޫލާއި 6 ޖަމިއްޔާއަކުން ޖުމްލަ 455 އެތްލީޓުން ބައިވެރިވެފައި ވެއެވެ. .. ލިޔުނީ: ޔުމްނާ ސާބިގު