English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް

ހުޅުދޫ ސްކޫލްގެ 74 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ދިރާސީ އަހަރު ނިމުނު ދުވަހުގެރޭ އެސްކޫލްގައި ބޭއްވި ޚާއްސަ ޖަލްސާއަށްފަހު، އެސްކޫލް އުވި ތާރީޚްގެ ތެރެއަށް ހިގައްޖެއެވެ.

މި ތާރީޚީ ޚާއްސަ ޖަލްސާގެ ޝަރަފުވެރި މެހްމާނަކީ، ހުޅުދޫ ކައުންސެލަރ އަލްފާޟިލް އިބްރާހިމް ޝުކުރީއެވެ. މީގެ އިތުރުން މިޖަލްސާގައި ރަށުގެ ކަމު ވޮށިގެންވާ ގިނަ އަދަދެއްގެ ބޭފުޅުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ސްކޫލްގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެ ލެއްވިއެވެ.

މިޚާއްސަ ޖަލްސާގައި ސްކޫލަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ޝީލްޑް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުންވެސް ޚިދުމަތުގައި 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޝީލްޑާއި ހަނދާނީ ލިޔުން ދެއްވުމުގެ އިތުރުން މިއަހަރު ސްކޫލްގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށްވެސް އެޕްރިސިއޭޝަން ސެޓިފިކެޓް ދެވުނެވެ.

މި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީ ހާމަ ކުރެއްވި ގޮތުގައި ހުޅުދޫސްކޫލް ނޫން އެހެން ސްކޫލެއްގައި މަސައްކަތް ކުރަން ޖެހުނަސް ހިތްވަރާއި ގަދަ އަޒުމާއެކު ހުޅުމީދޫއަށް ޚިދުމަތް ކުރުމުގައި ކުރިއަށް ވަޑައިގެން ދެއްވުމަށް މުދައްރިސުންނަށް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ޝަރަފްވެރި މެހްމާންގެ ވާހަކަ ފުޅުގައި އަލި އަޅުވާލައްވަމުން ހާމަ ކުރެއްވީ ހުޅުމީދޫގައި ހުރި 3 ސްކޫލްގެ ދަރިވަރުން އެއްފުރާޅެއްގެ ދަށަށް ގެނެވި ޚިދުމަތް ދެވެން ފެށުމުން ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށް ދެވޭ ތައުލީމް މިހާރަށްވުރެ ފެންވަރު ރަގަޅުވެގެން ދާނެކަމަށެވެ.

މިޚާއްސަ ޖަލްސާގައިވަނީ ސްކޫލްގެ 74 ވަނަ އަހަރީ ދުވަހުގެ ކޭކާއި ވަދާޢީ ކޭކު ފަޅާފައެވެ.މީގެ އިތުރުން މުދައްރިސުންވަނީ ޕްރިންސިޕަލް ނާޒު މެޑަމް ސްކޫލަށާއި މުދައްރިސުންގެ ކުރިއެރުމަށް ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތްތަކާއި ގުޅޭ ގޮތުން ލަވައެއް ހުށަހަޅައިދީފައެވެ.

މި ޚާއްސަ ޖަލްސާގައި ވަނީ ޕީޓީއޭގެ ޕަރާތުންނާއި ސްކޫލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީ ސްކޫލަށް ކޮށްދެއްވި އަގުނުކުރެވޭ ބުރަމަސައްކަތް ފާހަގަކޮށް ހަދާނީ ޝީލްޑެއް ޕްރިންސިޕަލަށް އަރުވާފައެވެ.

ހުޅުދޫސްކޫލްގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލްގެ ހުރިހާ މުވައްޒަފުން އެދެނީ ޕްރިންސިޕަލް ނާޒުމެޑަމް އަށް އުފާވެރި ދުވަސްތަކެކެވެ.މި ޖަލްސާ ނިމިގެންދިޔައީ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިންގެ ލޯ ކަރުނައިން ތެތްމާލާފައެވެ.ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އެތައްޒަމާންތަކަކަށް ވަޒިފާ އަދާކުރަމުން ދިޔަ ސްކޫލާއި އަދި ޕްރިންސިޕަލާއި ވަކިވާންޖެހޭތީ އެވެ. ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނާއި ދަރިވަރުން އަދި ބެލެނިވެރިންނާއި މުވައްޒަފުންގެ ފަރާތުން ފެނިގެން ދިޔައީ ހަމަހިމޭންކަމެވެ. ހުޅުދޫ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް އަދި މުވައްޒަފުންނަށް ގެއްލިގެން އެދިޔައީ ހިތްވަރު ގަދަ ތަޢުލީމީ ހުނަރުވެރި ޕްރިންސިޕަލެކެވެ.

ހުޅުދޫސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން އަދި އެންމެހާ މުވައްޒަފުންގެ އުއްމީދަކީ 2020 ވަނައަހަރަކީވެސް އުފާވެރި އަދި ތައުލީމީ ގިނަގުނަ އަރުތަތަކެއް ހާސިލުވެގެންދާނެ އަހަރަކަށެވެ.އާމީން.