English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

ހުޅުދޫ ސްކޫލުން އިންތިޒާމު ކޮށްގެން އައްޑޫ ސްކޫލްތަކުގެ މެދުގައި ބޭއްވުނު ދިވެހި އަދި އިގިރޭސި މަޒުމޫނު ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އެ ސްކޫލްގައި މިދިޔަ އާދީއްތަ ދުވަހު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާނަކީ ، ރައްޔިތުންގެ މަޖިލިސްގެ އިއްޒަތްތެރި ރައިސް އަލްފާޟިލް މުހައްމަދު ނަޝީދެވެ.ރައިސް މުހައްމަދު ނަޝީދުގެ އިތުރުން މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެމްބަރުންނާއި އައްޑޫ ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެ ލެއްވިއެވެ.

ޖުމްލަ 12 ސްކޫލަކުން މިދެމުބާރާތުގައި 350 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގައި ތަފާތު 5 އުމުރުފުރާތަކުން ބައިވެރިވިއެވެ. އެއީ 10އަހަރުންދަށް ،12 އަހަރުން ދަށް ،14 އަހަރުން ދަށް 16އަހަރުންދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރާއެވެ.

މި މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ވަނީ ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ. އަދި ޖޫނިއަރ ބައިން އެއްމެ މޮޅު 5 ދަރިވަރުންނާއި ސީނިއަރ ބައި އެއްމެ މޮޅު5 ދަރިވަރުން ހޮވިއިރު މި ދެ އުމުރު ފުރާއިން ، ކޮންމެ އުމުރު ފުރާއަކުން އެއްމެ މޮޅު 3 ސްކޫލް ހޮވާ ތައްޓާއި ސެޓިފިކެޓްވަނީ ދެއްވާފައެވެ.

އެގޮތުން ދިވެހި މަޒުމޫނު ލިޔުމުގެ މުބާރާތުން ޖޫނިއަރ ބައިން 1 ވަނަ ހާސިލުކޮށްފައިވަނީ ފޭދޫ ސްކޫލެވެ. މިބައިން 2ވަނަ ހިތަދޫ ސްކޫލް ހާސިލު ކުރިއިރު 3 ވަނަ ހާސިލު ކޮށްފައިވަނީ މަރަދޫފޭދޫ ސްކޫލެވެ.ސީނިއަރ ބައިން 1 ވަނަ ހާސިލުކޮށްފައިވަނީ އައްޑޫހައިސްކޫލެވެ. 2ވަނަ އިރުޝާދިއްޔާސްކޫލް ހޯދިއިރު 3 ވަނަ ހާސިލުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލެވެ.

މީގެ އިތުރުން އިގިރޭސި މަޒުމޫނު ލިޔުމުގެ މުބާރާތުން ޖޫނިއަރ ބައިން 1 ވަނަ ހާސިލުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލެވެ. މިބައިން 2ވަނަ ހިތަދޫ ސްކޫލް ހާސިލު ކުރިއިރު 3 ވަނަ ހާސިލު ކޮށްފައިވަނީ މަރަދޫފޭދޫ ސްކޫލެވެ.ސީނިއަރ ބައިން 1 ވަނަ ހާސިލުކޮށްފައިވަނީ އައްޑޫހައިސްކޫލެވެ. 2ވަނަ ފޭދޫ ސްކޫލް ހޯދިއިރު 3 ވަނަ ހާސިލުކޮށްފައިވަނީ އިރުޝާދިއްޔާ ސްކޫލެވެ.

މި މުބާރާތުގެ މަޤުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ބަހަށް އޮތްނަ ޝައުގުވެރިކަން އިތުރުކޮށް އައްޑޫ ސްކޫލްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުންކަމަށް ހުޅުދޫސްކޫލްގެ ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲދީދީ ހާމަކުރެއްވިއެވެ.

ހުޅުދޫ ސްކޫލްގައި އިތުރު ހަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަ ކުރަމުން ގެންދާތީ ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ތިބީ ވަރަށް އުފަލުންނެވެ. އަދި ޕްރިންސިޕަލަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށް މިފަރާތްތަކުން ހާމަ ކުރެއްވިއެވެ.

އަޅުގަނޑުމެން ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންގެ އުއްމީދަކީ ، މިއަންނަ އަހަރުވެސް މިފަދަ އެކިއެކި މުބާރާތްތައް މިއައްވުރެ ކުލަގަދަކޮށް ފާހަގަވެގެން ދިއުމެވެ.