English Edition
Dhivehi Edition

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ކެމްޕައިން ޓީމުން “ރައީސް ޔާމީން 2018 ގޯއްޗަށް” ގެ ނަމުގައި ޑޯ ޓު ޑޯ ކެމްޕެއިން ފަށައިފިއެވެ.

މި ކެމްޕެއިން ފަށައިފައި ވަނީ މިއަދު ހަވީރު އެވެ. އެގޮތުން ރައީސް ޔާމީންގެ މިއަހަރުގެ ކެމްޕެއިން ޓީމުގައި 3000 އެއް ހާ ވޮލެންޓިއަރުން ހަރަކާތްތެރިވާއިރު، މި ކެޕްޕެއިން ގެ ދަށުން ރައީސް ޔާމީން ގެ 2018 ވަނަ އަހަރުގެ ކެމްޕެއިން ޓީމުން މާލެ އާ އަދި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ބައްލަވަން ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޝަކުވާ އަޑު އައްސަވާނެއެވެ.

މި ކެމްޕެއިން ހިންގުމުގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ޔާމީން ގެ ކެމްޕެއިން ޓީމުން ފާހަގަކުރައްވާފައިވަނީ، ރައްޔިތުންނަށް ދިމާވާ މައްސަލަތަކާ ދަތިތަކާ ހުރި ގޮން ޖެހުންތައް ކައިރިން ދިރާސާކޮށް އަންނަ ދައުރުގައި އެ މައްސަލަތަކާ އަނެއްކާވެސް ވާދަކޮށް ރައީސް ޔާމީން ރައްޔިތުންނަށް ފަހި ދުވަސްތަކެއް ގެނެސްދެއްވުމަށް މަސައްކަތްކުރެއްވުން ކަމަށެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިރުވެސް ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ވާދަކުރައްވަނީ އެއްވެސް ބޭފުޅަކާ ނޫންކަމަށާ އެމަނިކުފާނު ވާދަކުރައްވަނީ ޤައުމުގެ ހުރި މައްސަލާތަކާކަމުގައެވެ.

އެގޮތުން 2013 ވަނަ އަހަރުގެ ރައީސް ޔާމީންގެ މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއްހެން މިހާރުވަނީ ރައްޔިތުންނަށް ފުއްދަވައިދެއްވާފައެވެ.