English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފުލެޓްތައް ލިބޭ މީހުންނާ މިއަހަރު ފުލެޓްތައް ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިޒު މިއަދު ކުރެއްވި ޓްވީޓެއގައި ވިދާޅުވެފައިވަނީ “ރައީސް ޔާމީންގެ ސަރުކާރުން ސ. ހިތަދޫގައި ބިނާކޮށްފައިވާ ހައުސިން ޔުނިޓް” ތަކުގެ “ހައްގުވެރިންނާ ޔުނިޓްސްތައް މިއަހަރު ހަވާލު ކުރެވޭނެ” ކަމަށެވެ. ކުރިން މައުލޫމާތު ލިބިފައިއޮތީ އެ ފުލެޓްތައް ލިބޭމީހުންގެ ވަގުތީ ލިސްޓް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެލިސްޓް އާންމުކޮށްފައެއްނުވެއެވެ. ވަގުތީ ލިސްޓް އާންމު ކުރުމަށްފަހު އެއަށް ޝަކުވާ ހުށަހެޅުމަށް ހަފްތާއެއް ދިނުމަށްފަހު ޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓް ނެރޭގޮތަށް ކުރިންވަނީ ހަމަޖެހިފައެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އައްޑޫސިޓީ ހިތަދޫގައި 264 ފުލެޓް އަދި ހުޅުމީދޫގައި 48 ފުލެޓް، ތަރައްގީކޮށް މިހާރުވަނީ ނިމިފައެވެ. ހިތަދޫގައި ތަރައްގީކޮށްފައިވާ ފުލެޓްތަކުގެ ތެރެއިން 150 ފުލެޓަކީ އެރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ފުލެޓްތަކެވެ. މަރަދުއާއި މަރަދޫފޭދޫ މީހުންނަށްވަނީ 30 ފުލެޓް ޚާއްސަކޮށްފައެވެ. ފޭދޫ މީހުންނަށްވަނީ 50 ފުލެޓް ޚާއްސަކޮށްފައެވެ. 34 ފުލެޓަކީ ވިޔަފާރި އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފުލެޓްތަކެވެ. މީގެ އިތުރަށް ފޭދޫގެ ހިއްކި ބިމުގައި 100 ފުލެޓް އިމާރާތް ކުރުމަށް ސަރުކާރުންވަނީ ނިންމައިފައެވެ. މިމަޝްރޫއުގެ ދަށުން އައްޑޫސިޓީގެ 1200 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.