English Edition
Dhivehi Edition

އޭއޯ ނިއުސް ގެފަރާތުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އައްޑޫގައި ބާއްވާ “އޭއޯ މަދަޙަ މުބާރާތް” ގެ 4 ވަނަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު މިރޭ 8:15 ގައި މައިކޮލެޖްގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން ބާއްވަމުންއަންނަ މިއަހަރުގެ މި މުބާރާތުގައި އައްޑޫގެ ހުރިހާ ރަށްތަކަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ

5 ޢުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 6 އަހަރުން ދަށް، 9 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 15 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޢުމުރުފުރައިން ދަރިވަރުން ވަނީ ބައިވެރިވެ މަދަޙަ ހުށަހަޅާފައެވެ. ކޮންމެ އުމުރުފުރައަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުގެ އެންމެ ގަދަ 5 ވަނަ އާއި މުބާރާތުގެ 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ކޮންމެ ބައި ވެރިއަކަށް” އޭއޯ މަދަޙަ މުބާރާތުގައި” ބައިވެރިވި ކަމުގެ ހަނދާނީ ލިޔުމާއި އޭއޯގެ ފަރާތުން ދޭ ހަދިޔާ ދެވޭނެވެ

މި މުބާރާތަށް ހުށަހެޅިފައިވާ އިނާމުތަކުގެ ތެރޭގައި 2 ޢުމްރާ ދަތުރާއި ޗައިނާ ވިންޓަރ ކޭމްޕް ޓުއާ އެއްގެ އިތުރުން މެލޭޝިއާ ސްޓަޑީ ޓުއާއެއް ހިމެނެއެވެ. ހަމަ މިއާއެކު މުބާރާތުގެ އެންމެ ގަދަ 5 ބައިވެރިންނަށް އެއްދުވަސް އީކުއޭޓަރ ވިލެޖްގައި ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވަވާފައިވަނީ މިދާއިރާގައި ތަޖްރިބާކާރު ދެބޭފުޅުންނެވެ. އެއީ މުޙައްމަދު ސުހައިލް އާއި މުޙައްމަދު އަރީފެވެ.

އޭއޯގެ 4 ވަނަ މަދަޙަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ކޯ ސްޕޮންސަރުންނަކީ އައްޑޫވިމެންސް އެސޯސިއޭޝަނާއި ޗައިނާމޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނެވެ. އިވެންޓްގެ ހޮސްޓިން ޕާޓްނަރ އަކީ މައިކޮލެޖެވެ. މަދަޙަ މުބާރާތުގެ އެކޮމަޑޭޝަން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. ޓްރެވެލް ޕާޓްނަރ އެއްގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ މޯލްޑިވްސް އެކްސްކްލޫސިވް އެވެ. ބެވެރެޖް ޕާޓްނަރ އަކީ މަލްޓި ސުޕަރމާޓެވެ. މީގެ އިތުރުން ސިއު އެންޑް މޭކް އާއި ޖަމިއްޔަތުލް ޢުލަމާއިން ވަނީ މުބާރާތުގެ ވަނަ ތަކަށް އިނާމު ހުށަހަޅުއްވަވާފައެވެ.