English Edition
Dhivehi Edition

މާލެ އަތޮޅު މާފުށިން ފުރައިގެން މާލެއަށް ދާންފުރި ޑިންގީއެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފަށް އެންގުމުން އެމްއެންޑީއެފްއިން އެ ޑިންގީއާއި މީހާ ހޯދައިފިއެވެ. މާލެ ދިޔުމަށް އެމީހާ ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓުގާޑަށް އެކަން އަންގާފައިވަނީ މިއަދު ހަވީރު 3:03 އެހައިކަންހާއިރުއެވެ. އެ ޚަބަރު ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެމީހާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިއަދު ހަވީރު 4:59 އެހައިކަންހާއިރު މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް ސަރަހައްދުގެ ކަނޑުންނެވެ. އޭނާ ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް “ފާމުލަދޭރި” އަށެވެ. ޑިންގީން ދަތުރުކުރި އުމުރުން 54 އަހަރުގެ މީހާއާ ހަވާލާދީ އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގީ އެމީހާ ދަތުކުރަމުންދަނިކޮށް މިސްރާބު އޮޅިގެންނެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެމީހާވަނީ މާލެ ގެނެސްފައެވެ. އެމީހާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ލޯންޗެއްވަނީ ހަރަކާތްތެރިވެފައެވެ. އޭގެ އިތުރަށް ހާބަރ ކްރާފްޓެއްވެސް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ވައިގެ މަގުން އެމީހާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އެސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކުގެ އެހީތެރިކަމަށްވެސް ސިފައިން އެދުނެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށް ވުމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސް ކުރައްވައިފައެވެ.