English Edition
Dhivehi Edition

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވާރު ދާއިރާގެ މަޖިލިސް މެންބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ. ވަރަށް ފަހުން ޕީޕީއެމްއަށް ސޮއިކުރެއްވި މޫސާމަނިކު ސަންޓީވީގައި ވާހަކަ ދައްކަވަމުން ވިދަޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަކީ އިދުކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. މޫސަ ވިދާޅުވީ ރައީސް ޔާމީނަށް ވޯޓުދެއްވައިގެން ކުރިއަށްއޮތް ދައުރަށްވެސް އެމަނިކުފާނު ހޮވަންޖެހޭ ސަބަބުތައް އެބަހުރި ކަމަށެވެ. އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ރަށްރަށުގައި މިސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްގީގެ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަންޒަރުތައް ބަލައި ތަޖުރިބާ ކުރެވިފައިވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖޭގައި އޮންނާނީ އެއްވެސް ބަޔަކަށް ޝައްކުނުކުރެވޭ ވަރުގެ މިނިވަން އިންތިޚާބެއް ކަމަށެވެ. “އިރާދަ ކުރެއްވިއްޔާ 2018 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރައްވާނީ ރައީސް ޔާމީން” މޫސަ ވިދާޅުވިއެވެ.