ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕާލަމެންްޓްރީ ގްރޫޕުގެ މެމްބަރުކަން ވެސް ކުރައްވާ ރީކޯ މޫސަ، ރާއްޖެޓީވީ “ފަލަސުރުހީ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ, ޕީޕީއެމް އޮތީ އައިސީޔޫގައި ކަމަށެވެ. އަދި ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވުމުން، އެ ޕާޓީ އޮތީ ފެއިލްވެފައި ކަމަށާއި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ޕީޕީއެމްގެ ލީޑާޝިޕް ނުފެންނާތީ ޕީޕީއެމް މަޖިލިސް މެމްބަރުން ތިއްބެވީ ކަންބޮޑުވެފައި ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް އެ ޕާޓީ މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ސީދާ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ރީކޯ ވިދާޅުވިއެވެ. އިންތިހާބުން ނާކާމިޔާބުވީ ޕީޕީއެމްގެ އާންމު މެމްބަރުން ދުރަށް ޖެއްސެވުމަށްފަހު ކުންފުނިތަކުގެ އިސްވެރިން ކެމްޕޭނުގެ އިސް ސަފަށް ނެރުމުން ކަމަށް މޫސަ ވިދާޅުވިއެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށް ފާހަގަކުރައްވައި، ރީކޯ މޫސާ މަނިކު ވިދާޅުވީ ކޯލިޝަން ސަރުކާރެއް ކުރިއަށް ގެންދަން އިބޫއަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށެވެ.