ދިގު މުއްދަތަކަށް ފިލްމު ކުޅުއްވުމާއި ދުރުގައި ހުންނެވުމަށް ފަހު މަޝްހޫރު އެކްޓަރު އަދި ކުރީގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަލުން ފިލްމެއްގެ މަސައްކަތުގައި ޙަރަކާތްތެރިވާން ފައްޓަވައިފިއެވެ.
ކުޅަދާނަ ޑައިރެކްޓަރ މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ “ލަސްވިޔަސް” ފިލްމުން ރީކޯ ފެނިގެންދާނެ ކަން، އޭނާވަނީ ހާމަކޮށްފައެވެ.
ބައްޔަކާ ހަނގުރާމަކުރާ ކުޑަ އަންހެން ކުއްޖެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ “ލަސްވިޔަސް” އަކީ ޓެޑްރީގެ އެތައް އަހަރެއްގެ މަސައްކަތަށް ފަހު ހަގީގަތަކަށް ވުމުގެ މަގުމަތީގައިވާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މި އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން ދުވަސްގަނޑެއްގެ މެދުކެނޑުމަކަށްފަހު މިދިޔަމަހު އަލުން ޝޫޓިންފެށި މި ފިލްމުމިހާރުވަނީ ނިމުމަކާ ހަމަޔަށް ގޮސްފައެވެ.
“ލަސްވިޔަސް” އިން މޫސަ ފެނިގެން ދާނީ ކޮއްޔަ ހަސަން މަނިކު އެ ފިލްމުގައި ކުޅުމަށް ހަމަޖެހިފައިވާ ރޯލުން ކަމަށް ޓެޑްރީ ހާމަކުރެއެވެ. އެކަމަކީ އޭނާ ވަރަށް ވެސް އުފާވާ ކަމެއް ކަމަށް ޓެޑްރީ ފާހަގަ ކުރައްވައެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކޮއްޔަ ނިޔާވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ޓެޑްރީ ވަނީ މޫސާ އާއެކު މީގެކުރިންވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާ އާއެކު ޓެޑްރީ އެންމެ ފަހުން މަސައްކަތް ކުރީ 1995 ވަނަ އަހަރު ނެރުނު ޑްރާމާ ފިލްމު “ދެރިޔާ”ގައެވެ.
ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންއެވެ. އޭގެއިތުރުން އަހުމަދު އީސާ (އާނަންދު) އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.