English Edition
Dhivehi Edition

ރާއްޖޭގައި ސިޔާސީ މައިދާނުގައި މިހާރު ބަލިވެފައިވަނީ ގައުމު އިސްލާހު ކުރުމުގެ ނަމުގައި ޣައިރުގާނޫނީ އަމަލު ހިންގަމުން ގެންދާ މީހުން ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ “ގައުމު އިސްލާހު ކުރުމުގެ ނަމުގައި ގައުމުގެ ހަމަޖެހުން ނަގާލަން ޣައިރުގާނޫނީ އަމަލުތައް ހިންގަމުން މިއަދު އެގެންދަނީ ސިޔާސީ ގޮތުން ބަލިވި މީހުން” ކަމަށެވެ. ބެލެވޭ ގޮތުގައި އަބްދުރައްހީމް އެވިދާޅުވަނީ ސިޔާސީ ގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ވާހަކައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިހާރުގެ ސަރުކާރުވަނީ ސިޔާސީ ގޮތުން ބަލިވެފައި ކަމަށެވެ. އިދިކޮޅު ފަރާތްތަކާ ގުޅިގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ސަރުކާރަށް ސުވާލެއް ކުރައްވައިފައެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ “ފުލުހުންނާއި ސިފައިންނާއި ކޯޓުތައް އެބޭނުން ކުރަނީ ސިޔާސީގޮތުން ދޭނެ ޖަވާބެއް ނެތީމާތޯ؟ ސިޔާސީ މައިދާނުގައި ބަލިވީމާތޯ” ކަމަށެވެ. އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓަކީ ރައީސް މައުމޫންގެ މިޓްވީޓަށް ޖަވާބު ދެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓަކަށްވެސް ވެދާނެއެވެ. އިދިކޮޅު ފަރާތްތަކުން މިހާރުވަނީ ސިޔާސީ ހަރަކާތްތައް އިތުރުކޮށްފައެވެ. އެ ހަރަކާތުގެ ތެރޭގައި ފުލުހުންވަނީ ބައެއް މީހުން ހައްޔަރު ކުރުމަށްފަހު ދޫވެސް ކޮށްފައެވެ.