އޭއޯ ނިއުސް ގެފަރާތުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އައްޑޫގައި ބާއްވާ “އޭއޯ މަދަޙަ މުބާރާތް” ގެ 4 ވަނަ މުބާރާތް ރޭ ފަށައިފިއެވެ.
މަދަޙަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ އައްޝައިޚް އިލްޔާސް ޙުސައިން އެވެ.
ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން ބާއްވަމުންއަންނަ މިއަހަރުގެ މި މުބާރާތުގައި އައްޑޫގެ ހުރިހާ ރަށްތަކަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ޖޫން 16 ވަނަ ދުވަހުން ފެށިގެން ޖޫން 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގެ ހުރިހާ ސެޝަނެއް ކުރިއަށް ގެންދާނީ މައިކޮލެޖުގެ އިމާރާތުގައެވެ. އެއީ މީގެ ކުރިން ނޫރާނީ ސްކޫލް ހިންގި އިމާރާތެވެ.
5 ޢުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތަށް ހުށަހެޅިފައިވާ އިނާމުތަކުގެ ތެރޭގައި 2 ޢުމްރާ ދަތުރާއި ޗައިނާ ވިންޓަރ ކޭމްޕް ޓުއާ އެއްގެ އިތުރުން މެލޭޝިއާ ސްޓަޑީ ޓުއާއެއް ހިމެނެއެވެ. ހަމަ މިއާއެކު މުބާރާތުގެ އެންމެ ގަދަ 5 ބައިވެރިންނަށް އެއްދުވަސް އީކުއޭޓަރ ވިލެޖްގައި ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް އޭއޯ މަދަޙަ މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން ދެވޭނެއެވެ.
މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ މިދާއިރާގައި ތަޖްރިބާކާރު ދެބޭފުޅުންނެވެ. އެއީ މުޙައްމަދު ސުހައިލް އާއި މުޙައްމަދު އަރީފެވެ.
އޭއޯގެ 4 ވަނަ މަދަޙަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ކޯ ސްޕޮންސަރުންނަކީ އައްޑޫވިމެންސް އެސޯސިއޭޝަނާއި ޗައިނާމޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނެވެ. އިވެންޓްގެ ހޮސްޓިން ޕާޓްނަރ އަކީ މައިކޮލެޖެވެ. މަދަޙަ މުބާރާތުގެ އެކޮމަޑޭޝަން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. ޓްރެވެލް ޕާޓްނަރ އެއްގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ މޯލްޑިވްސް އެކްސްކްލޫސިވް އެވެ. ބެވެރެޖް ޕާޓްނަރ އަކީ މަލްޓި ސުޕަރމާޓެވެ.
މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަވާ ފަރާތްތަކަށް ނޫހުގެ ފަރާތުން ޝުކުރުދަންނަވަމެވެ.