English Edition
Dhivehi Edition
ތިލަފުށި

ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވި މައްސަލައިގައި، އެ ވަގުތު އެކްސްކެވޭޓަރު އޮޕަރޭޓްކުރަން އިން ސްރީލަންކާގެ ރައްޔިތެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށެވެ.

ފުލުހުން ހާމަކުރި ތަހުގީގީ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ ކުނި ޖަމާކޮށްފައިވާ ސަރަހައްދެއްގައި ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީންގެ ގައިގައި ޖެހި އޭނާ ވެއްޓެއެވެ. ނަމަވެސް އެކްސްކެވޭޓަރު އޮޕަރޭޓްކުރަން އިން މީހާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ ސަބަބުން، ކުނިތައް އެޅި އަމީންގެ ހަށިގަނޑު ވަނީ ކުނިތަކުގެ ދަށުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގަށް ލިބޭ ކުރިއެރުންތައް ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަމީން މިއާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް، އޭގެ ފަހުންނެވެ.