English Edition
Dhivehi Edition

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ވަރަށް ކާމިޔާބު ކަމަށާއި ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިޔަށް އޮތްތާނގައި ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުވަތަކަށް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ވެރިން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު ވިދާޅުވީ ޕާކިސްތާނުގައި ޞިއްޙީ ދާއިރާއާއި، އިންޖިނިއަރިންގއާއި، ފާމަސީ އަދި ޑެންޓިސްޓްރީ ހިމެނޭގޮތަށް މަތީ ތަޢުލީމް ހާސިލްކުރުމަށް ދަރިވަރުންނަށް އިތުރު ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދޭން އެޤައުމުގެ ސަރުކާރުން ނިންމާފައިވާކަމުގައި ވިދާޅުވިއެވެ. މި ގޮތުން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކޮށްދެއްވާނެކަމަށް، ނަވާޒް ޝަރީފް ވަނީ އިޢުލާނުކުރައްވާފައެވެ. ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިޔަށް އޮތްތާނގައި ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމަށާއި މީގެ ތެރޭގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދު ކުރައްވާ ކަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޖޮއިންޓް ބިޒްނަސް ކައުންސިލަކާއި، ޖޮއިންޓް ވަރކިންގ ގްރޫޕް އޮން ޓްރޭޑް އެކުލަވާލުމަށް ދެ ޤައުމުން ވެސް އެއްބަސްވެވަޑައިގެންފައިވާކަމުގައި ވިދާޅުވެފައެވެ. މިގޮތުން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކަކީ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދެވޭނެ އެއްބަސްވުންތަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.