English Edition
Dhivehi Edition

އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އައްޑޫގައި ބާއްވާ “އޭއޯ މަދަޙަ މުބާރާތް” ޖޫން 16 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ.

ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން އަންނަނީ މި މުބާރާތް ބާއްވަމުންނެވެ.

މިއަހަރުގެ މުބާރާތުގައި ދަރިވަރުން ބައިވެރިކުރުމުގެ ފުރުސަތު މިހާރު ބަންދުކޮށްފައިވާ އިރު ބައިވެރިން މަދަޙަ ހުށަހަޅަން ޖެހޭ ގަޑިއާއި ދުވަސް އެނގޭ ގޮތަށް ޝެޑިއުލް ތައްޔާރުކޮށް މިއަދުގެ ވަގުތެއްގައި އެ މައުލޫމާތު ފޯރުކޮށް ދެވޭނެއެވެ.

މިއަހަރުގެ މުބާރާތުގެ ހޮސްޓިން ޕާޓްނާރ އަކީ މައިކޮލެޖެވެ. ޖޫން 16 ވަނަ ދުވަހުން ފެށިގެން ޖޫން 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގެ ހުރިހާ ސެޝަނެއް ކުރިއަށް ގެންދާނީ މައިކޮލެޖުގެ އިމާރާތުގައެވެ. އެއީ މީގެ ކުރިން ނޫރާނީ ސްކޫލް ހިންގި އިމާރާތެވެ.

5 ޢުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތަށް ހުށަހެޅިފައިވާ އިނާމުތަކުގެ ތެރޭގައި 2 ޢުމްރާ ދަތުރާއި ޗައިނާ ވިންޓަރ ކޭމްޕް ޓުއާ އެއްގެ އިތުރުން މެލޭޝިއާ ސްޓަޑީ ޓުއާއެއް ހިމެނެއެވެ. ހަމަ މިއާއެކު މުބާރާތުގެ އެންމެ ގަދަ 5 ބައިވެރިންނަށް އެއްދުވަސް އީކުއޭޓަރ ވިލެޖްގައި ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް އޭއޯ މަދަޙަ މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން ދެވޭނެއެވެ.

އޭއޯގެ 4 ވަނަ މަދަޙަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ކޯ ސްޕޮންސަރުންނަކީ އައްޑޫވިމެންސް އެސޯސިއޭޝަނާއި ޗައިނާމޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނެވެ. އިވެންޓްގެ ހޮސްޓިން ޕާޓްނަރ އަކީ މައިކޮލެޖެވެ. މަދަޙަ މުބާރާތުގެ އެކޮމަޑޭޝަން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. ޓްރެވެލް ޕާޓްނަރ އެއްގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ މޯލްޑިވްސް އެކްސްކްލޫސިވް އެވެ. ބެވެރެޖް ޕާޓްނަރ އަކީ މަލްޓި ސުޕަރމާޓެވެ. އޭއޯގެ މިއަހަރުގެ ވެސް މީޑިއާ ޕާޓްނަރ އަކީ ވަގުތު އޮންލައިނެވެ.

މީގެ އިތުރުން ވެސް މުބާރާތުގެ ވަނަ ތަކަށް އިނާމު ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި މިހާރުވެސް މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަވާ ފަރާތްތަކަށް ނޫހުގެ ފަރާތުން ޝުކުރުދަންނަވަމެވެ.