English Edition
Dhivehi Edition

އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އައްޑޫގައި ބާއްވާ “އޭއޯ މަދަޙަ މުބާރާތް” ގެ މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ހެޕީމާކެޓް ހަމަޖައްސައިފިއެވެ.

ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ނަން މަޝްހޫރު ކުންފުނި، ހެޕީމާކެޓުން ކޮންމެ އަހަރަކުވެސް އޭއޯގެ މަދަޙަ މުބާރާތަށް ދަނީ އެހީތެރިވަމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އޭއޯއިން ބޭއްވި 3 ވަނަ މަދަޙަ މުބާރާތުގެ ކޯ ސްޕޮންސަރ އަކީ ވެސް ހެޕީމާކެޓެވެ.

ހެޕީމާކެޓުން ވަނީ މިއަހަރުގެ މުބާރާތުގެ ދެ ބައިވެރިއަކަށް ޢުމްރާ ދަތުރުގެ އިނާމު ހުށަހަޅުއްވަވާފައެވެ.

އޭއޯގެ 4 ވަނަ މަދަޙަ މުބާރާތުގެ އިވެންޓް ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ރޭ އީކުއޭޓަރ ވިލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ހެޕީމާކެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަލީ އިޙްސާނެވެ. އޭއޯނިއުސްގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ ސީއީއޯ ޝިމްލާ އަޙްމަދެވެ.

މަދަޙަ މުބާރާތުގެ މެއިން ސްޕޮންސަރ ގެ އިތުރުން އެކުންފުނިން ވަނީ ހެޕީމާކެޓްގެ އައްޑޫގެ ރަސްމީ މީޑިއާ ޕާޓްނަރ އަކަށް ވެސް އޭއޯ ނިއުސް ހަމަޖައްސާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ އަލީ އިޙްސާން ވިދާޅުވީ އޭއޯއިން އިސްނަގައިގެން އައްޑޫގައި ކުރިއަށް ގެންދާ މިފަދަ ޙަރަކާތްތަކަކީ އެކުންފުނިން ވަރަށް ބޮޑަށް ބަލައިގަންނަ އަދި ތަރުހީބު ދޭ މަސައްކަތެއް ކަމަށާއި ހެޕީމާކެޓުން ދެއްވެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެސް އޭއޯނިއުސް އަށް ދެއްވަވާނެ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ދީނީ ރޫޙު އާލާކޮށް ދިރުވުމަށް އައްޑޫގައި ކުރިއަށް ގެންދާ ކޮންމެ ޙަރަކާތަކަށް ވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވަރަށް ބޮޑު އިސްކަމެއް ދެއްވަވައި އެފަދަ ކަންކަމަށް އެހީތެރިވެއްދެއްވަވަން އަބަދުވެސް ބޭނުންފުޅު ވެލައްވަވާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.

އައްޑޫސިޓީއަށް ގިނަ ގޮތްގޮތުން އެހީތެރިވަމުން އަންނަ ހެޕީމާކެޓުން އައްޑޫގައި ބާއްވާ ގިނަ މުބާރާތްތަކަށް އެހީތެރިކަން ދެއްވަވާ ބޮޑު ހޭދައެއް އަބަދުވެސް ކުރައްވައެވެ.

އޭއޯގެ 4 ވަނަ މަދަޙަ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އައްޑޫވިމެންސް އެސޯސިއޭޝަނާއި ޗައިނާމޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނެވެ. އިވެންޓްގެ ހޮސްޓިން ޕާޓްނަރ އަކީ މައިކޮލެޖެވެ. މަދަޙަ މުބާރާތުގެ އެކޮމަޑޭޝަން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. ޓްރެވެލް ޕާޓްނަރ އެއްގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ މޯލްޑިވްސް އެކްސްކްލޫސިވް އެވެ. ބެވެރެޖް ޕާޓްނަރ އަކީ މަލްޓި ސުޕަރމާޓެވެ. އޭއޯގެ މިއަހަރުގެ ވެސް މީޑިއާ ޕާޓްނަރ އަކީ ވަގުތު އޮންލައިނެވެ.

ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން އަންނަނީ މި މުބާރާތް ބާއްވަމުންނެވެ.