English Edition
Dhivehi Edition

ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ހިތަދޫ ސްކޫލުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ދިޔަ ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި ސްކޫލުގެ އިސްވެރިންނާއި، މުދައްރިސުންނާއި، ސްކޫލުގެ އިސްދަރިވަރުން ބައިވެރި ވިއެވެ. އަދި މީގެ އިތުރުން ލިޓްލް މެޑުންނާއި ސްޓަރ ދަރިވަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އަދި ދިދަަ ނަގައިދިނީ ސްކޫލުގެ ކެޑޭޓުންނެވެ. އަދި އެއަށް ފަހު، ސްކޫލު ބޭންޑުގައި ޤައުމީ ސަލާމް ކުޅުނެވެ. ޤައުމީ ސަލާމަށް ފަހު މިނިވަން ދުވަހާއި ބެހޭ ގޮތުން ދަރިވަރަކު ވާހަކަ ދެއްކި އެވެ. މި ރަސްމިއްޔާތު ނިމިގެން ދިޔައީ ސްކޫލު ޕްރިންސިޕަލް، ޑރ. އާސިޔަތު މުޙައްމަދު ދީދީގެ ވާހަކަ ދެެއްކުމުންނެވެ. ޕްރިންސިޕަލް ގެ ވާހަކައިގައި މިނިވަން ދުވަހަކީ ކޮބައިކަމާއި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެމުން އަންނަ ސަބަބު ވަރަށް ތަފްސީލީ ގޮތެއްގައި ދަރިވަރުންނަށް ބުނެ ދެއްވި އެވެ. މިއީ ހިތަދޫ ސްކޫލުގައި މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ދިދ ނެގުމުގެ ރަސްމިއްޔާތެއް މި ސްކޫލުގައި ބާއްވާފައި ވަނީ 2015 ވަނަ އަހަރުގެ މިނިވަން ދުވަހުގަ އެވެ.