އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ދިވެހިރާއްޖެއިން ވާދަކުރުމަކީ ރައީސް ޔާމީން ގައުމާމެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ހާމަވެގެން ދިޔަ ކަމެއް ކަމަށާއި ގޮނޑި ކާމިޔާބު ނުކުރެވުމަކީ ހަޖޫ ޖަހަން ޖެހޭ ކަމެއް ނޫންކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އ.ދ ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވުމުން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި ޓުވިޓަރ މެދުވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ
އަދުރޭ ވިދާޅުވީ މިއީ ރައީސް ޔާމީނަށް ތައުރީފް ކުރަން ޖެހޭ ފަދަ ކަމެއް ކަމަށާއި އަދި މިއީ ކުރިއަށް ދިއުމަށް ލިބިގެން ދިޔަ ހިތްވަރެއް ކަމަށެވެ
އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑިއަށް ވާދަވެރިކަން ބޮޑުވެފައި އޮތް އިރު، ރާއްޖޭގެ މައްޗަށް ވޯޓުގައި ކުރި ހޯދައި ގޮނޑި ކާމިޔާބުކުރީ އިންޑޮނޭޝިއާއެވެ. އޭސިއާ ޕެސިފިކް ގޮނޑި ފިޔަވާ ދެން ކޮންމެ ގޮނޑިއަކަށް ވެސް ވާދަކޮށްފައިވަނީ އެންމެ ގައުމެކެވެ. ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އިންޑޮނޭޝިއާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. އިންތިހާބު ވުމަށް ބޭނުންވަނީ ހާޒިރުވެ ތިބި މީހުންގެ ތިން ބައިކުޅަ ދެ ބައެވެ. އެއީ 127 ވޯޓެވެ.
އދ. ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުގެ ތެރޭގައި، މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ.