އިދިކޮޅު ވާދަވެރިން ނުކުމެ ރައީސް ޔާމީންގެ އަބުރުފުޅު ކަތިލުމަށްޓަކައި ވަރަށް ގިނަ ދޮގު ތުހުމަތު ތަކެއް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުއްވަމުން ދިޔަނަމަވެސް ހަޤީޤަތެއް އޮތް ސާބިތު ހިފޭ، އެއްވެސް ވާހަކައެއް އެފަރާތްތަކަށް ނުދެއްކެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ 5 މަޝްރޫޢު އެއްގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މި ދިވެހި ޤައުމަށްޓަކައި ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ޤުރުބާނީއެއް ވެ ވަޑައިގެންނެވި ބޭފުޅަކީ މިއަދުގެ އިތްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ކަމަށެވެ
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ތަރިކަ މުދާ ވިއްކައިގެން ކެމްޕެއިނަށް ލާރި ހޯދަން ބޭނުންފުޅު ނުވާކަމަށެވެ.
ޖީއެމްއާރަށް ހުޅުލެ އެއަރޕޯޓް ވިއްކާލި މައްސަލައަށް އަލިއަޅުވާލައްވަމުން އަދުރޭ ވިދާޅުވީ އެ މައްސަލަ އާއި ގުޅިގެން ރައީސް ޔާމީން ނޫނީ އެކަމާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރެއްވި ސިޔާސީ ލީޑަރަކު މި ޤައުމުގައި ނެތް ކަމަށެވެ. އަދި ހުޅުލެ އެއަރޕޯޓް ޖީއެމްއާރު އަތުގައި އޮތް ދުވަސްވަރު އިދިކޮޅުގައި ތިއްބެވި ބައެއް ސިޔާސީ ލީޑަރުން ޖީއެމްއާރާ ގުޅުންހުރި ފަރާތްތަކެއް ރައީސް ޔާމީންގެ އަރިހަށް ފޮނުއްވައިގެން އެމަނިކުފާނު ލައްވާ އެކަމަށް އެއްބަސް ކުރުވަން މަސައްކަތް ކުރެއްވި ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.
ޖީއެމްއާރަށް އެއަރޕޯޓް އަބުރާ ދިނުމާ ބެހޭގޮތުން އެ މައްސަލަ އާއި ގުޅުންހުރި ބައެއް ބޭފުޅުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ކެމްޕެއިން ކުރައްވަން ފައިސާ ހުށަހެޅުއްވި ނަމަވެސް، އެމަނިކުފާނު ދިވެހިރާއްޖޭގެ ތަރިކަ މުދާ ވިއްކައިގެން ކެމްޕެއިނަށް ލާރި ހޯދަން ބޭނުންފުޅު ނުވާކަމަށެވެ.
” ޤައުމަށް ލާބަޔާ މަންފާ އެދޭ އެއްވެސް މީހަކު ޤައުމުގެ މާތް ދޮރާށި ބޭރުގެ ބަޔަކަށް ވިއްކާލަން އެއްބަސް ނުވާނެ . ދިވެހި ރައްޔިތުންނަކީ މާޒީން އިބުރަތް ހާސިލްކޮށްގެން ކުރިމަގު ބިނާކުރަން ފަރިތަ ބައެއް . ރައްޔިތުން ތިބީ ހޭލާ ” ކަމަށް އަދުރޭ ވިދާޅުވިއެވެ.