އިދިކޮޅު ފަރާތްތަކުގެ ރޭވުން ނާކާމިޔާބުވަމުންދާ ދިއުމަކީ މާތް ﷲ މިޤައުމާއި، އިސްލާދީނާއި މިނިވަންކަމަށް ދެއްވާ ނަސްރެއްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަޙިމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ވެސް އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް ނުކުތީ ރައީސް އަބްދުﷲ ޔާމީން ‘ހުއްޓުވަން’ ކަމަށް ބުނެ ކަމަށެވެ.
“އިދިކޮޅު ފަރާތްތަކުން އެކި ނަންނަމުގައި އެކި ދުވަސްދުވަހު އެތައް މުޒާހަރާތަކެއް ކޮށްފައިވަނީ. މި ހުރިހާ މުޒާހަރާ ވެސް އަމާޒާ ހަމައަށް ވާސިލު ނުވެ ‘ފެއިލް’ ވިތަން ފެނިފައިމިވަނީ” އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން “ހުއްޓުވާ” ގެ ނަމުގައި ސަރުކާރު ހުއްޓުވަން ނިކުމެ ކުރި މުޒާހަރާއިން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ނެތްކަމަށާއި، މުޒާހަރާ ފެށިއިރު ވެސް މުޒާހަރާގެ އިސް ސަފުން މިހާރު ޕާޓީތަކުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ އެއްވެސް މީހަކު ފެނިފައި ނުވާކަން އަދުރޭ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ދިވެހި ފުލުހުންނާއި ސިފައިން ބަދުނާމުވާގޮތަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ސަރުކާރު ކޯލިޝަނުން ކުށްވެރިކުރާ ކަމަށެވެ.