English Edition
Dhivehi Edition

އައްޑޫސިޓީ ގަމުގައި ހިންގާ އީކުއޭޓަރވިލެޖުންދޭ ޚިދުމަތުގެ ވާހަކަ މިހާރު ވައިގައި ހިފައިފިއެވެ. މުވައްޒަފުންގެ ހިތްހެޔޮކަމުގެ ވާހަކަ މެހުމާނުން ދައްކަން ފަށައިފިއެވެ. މެހުމާންދާރީގެ ވާހަކަ އާންމުވެއްޖެއެވެ. މިހެންގޮސް އީކުއޭޓަރވިލެޖުގެ ވާހަކަ ދައްކަންޏާ ދެކެވޭނީ މުޅިންވެސް ރަނގަޅު ވާހަކައެވެ. އެތަނުގައި ކިތައްރޭ ހޭދަކުރިންހެއްޔެވެ؟ ރޭކުރިނަމަ އެތަނުގެ ތަންމަތިތަކުގެ އަރާމުކަން އިހުސާސް ކުރެވޭނެއެވެ. ތަންމަތި އަޅައިދީފައި ހުންނަ ރީތިކަމާއި ސާފުތާހިރު ކަމާއި ހިތްގައިމުކަން ހަނދާންވީމައި އަދިވެސް އެތަނަށް އަންނަހިތްވޭ ނޫންހެއްޔެވެ؟ އީކުއޭޓަރވިލެޖުގެ ކޮޓަރިތަކުގައި ތަންމަތި އަޅައިދޭ އެންމެންނަށްވެސް ޝުކުރު ހުއްޓެވެ. އެކޮށްދެއްވީ ޚިދުމަތަށް ސާބަސް ހުއްޓެވެ. އެ ޚިދުމަތް ފޯރުކޮށްދޭ މީހުންގެ ވާހަކަ ނުދައްކައި ފަރުޖެހޭކަށްނެތެވެ. މިފަހަރު އައްޑޫސިޓީ ފޭދޫ، ނީރުވީފް، އާމިނަތު ޝީޒާގެ ވާހަކައިން ފަށަމާ ހިނގާށެވެ. އީކުއޭޓަރވިލެޖުގައި އޭނާ މަސައްކަތް ކުރާތާ 27 އަހަރު ވެއްޖެއެވެ. އޭނާ ވެގެންގޮސްފައިވަނީ އަލަށް އެތަން ހުޅުވަން މީހުންނެގި ހިސާބުން ފެށިގެން އެތަނުގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފުންގެ ތެރޭގައެވެ. އެންމެފުރަތަމަ އޭނާ މަސައްކަތްކުރީ އެތަނުގެ ރެސްޓޯރެންޓުގައެވެ. އެފަހުން އަދާޖެހެންދެން މަސައްކަތް ކުރަމުން އަންނަނީ ރޫމްމެއިޑަކަށެވެ. ތަނަށް އަންނަ މެހުމާނުންނަށް ޚިދުމަތް ކޮށްދިނުމަކީ އޭނާގެ އުފަލެއް ކަމުގައިދެކިގެން މަސައްކަތް ކުރުމަކީ އެ މަސައްކަތުގައި މިހާދުވަހު ދެމިހުރުމުގެ އަސްލެވެ. ޝިޒާ ބުނިގޮތުގައި އޭނާ ވަޒީފާއަށް ނުކުތީ އެއްވެސް ތަމްރީނެއްނެތިއެވެ. އެހެންނަމަވެސް އެތަނުން މީހާރުވަނީ އޭނާއަށް ތަމްރީންދީ މަސައްކަތަށް އަހުލުވެރި ކުރުވައިފައެވެ. “ވަޒީފާއަށް ނުކުތުމުން ފުރަމަ ތިންމަހުގެ ތަމްރީންދިނީ. ތަމްރީންތައް ހަދައިގެން އަލަށް ޓޫރިސްޓުން ގެންނަންވެގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހުނު. އޭރުހީވެސް ނުކުރަން މިކަންވާނެކަމަށް. އެހެންނަމަވެސް މަސައްކަތް ކުރަން ފެށުމުން މިކަންވެއްޖެ. ވަރަށްއުފާވޭ މިހާދުވަހު މަސައްކަތުގައި ހުރެވުނީމައި،” ޝީޒާ ބުންޏެވެ. އޭނާ އަބަދުވެސް މަސައްކަތްކުރަނީ އީކުއޭޓަރވިލެޖަށް އަންނަ މެހުމާނުންގެ ހިތުގައި ތަނަށް ލޯތްބާއި އިތުބާރު އުފެދޭނެ ގޮތްތައް ބަލައިގެންނެވެ. އެމީހުން ހިތްއުފާވާ ގޮތަކަށް ޚިދުމަތް ދިނުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރެއެވެ. މަސައްކަތް ފަށާއިގަތްއިރު އުނދަގޫވިޔަސް މިހާރު އޭނާއަށް އުނދަގޫ ކަމެއްނެތެވެ. “ފަށައިގަތްއިރާއި މިހާރާބަލާއިރު ކުރިންނޭނގޭ އެތައްކަމެއް މިހާރުދަސްވެއްޖެ. ފުރަތަމަ ނޭނގޭ ގެސްޓަކާ މުޚާތަބު ކުރާކަށްވެސް. ގެސްޓުންގެ ރޫމަށްގޮސް ޓަކިޖަހައިފައި ބުނަންވާ އެއްޗެއްވެސް އޭރުނޭނގޭ. މިހާރު ވަރަށްގިނަ ކަންކަން ދަސްކޮށްދީފި. ގެސްޓުމީހާއާ މުޚާތަބުކުރާނެގޮތާއި ޚިދުމަތްދޭނެގޮތް ވަރަށްބޮޑަށް މިހާރު ދަސްވެއްޖެ. މިހާރު މަސައްކަތް މިކުރަނީ އިތުބާރާއެކު،” ޝީޒާ ބުންޏެވެ. އީކުއޭޓަރވިލެޖު ކުރީގެ ނަމުންނަމަ އޯޝަން ރީފް ހުޅުވި ހިސާބުން ފެށިގެން އަދާހަމައަށް އެތަނުގައި މަސައްކަތް ކުރުމަކީ ހަމަގައިމުވެސް ފަސޭހަކަމަކަށް ނުވާނެއެވެ. ގަޑިއަށް ވަޒީފާއަށް އައުމަށް އޭނާ އިސްކަންދިނެވެ. ކަންކަން ދަސްކުރުމަށް އޭނާސަމާލުވިއެވެ. ޝީޒާ ބޭނުންވީ އަމިއްލަ މަސައްކަތުން ފައިސާ ހޯދުމަށާއި ބަޔަކަށް ޚިދުމަތެއް ކޮށްދިނުމަށެވެ. އެކަން އޭނާ އެދަނީ ކުރަމުންނެވެ. އުންމީދަކީ މުސްތަގުބަލުގައިވެސް ޚިދުމަތުގައި ދެމިހުރުމެވެ. ދިގު މުއްދަތަކަށް އެއްތަނަކަށް ޚިދުމަތް ކުރުމުން އެތަނަށް ހުންނާނީ ލޯބިވެސް ޖެހިފައިއެވެ. “ގިނަދުވަހު އީކުއޭޓަރވިލެޖުގައި މަސައްކަތް ކުރުމުން ތަނަށްވަނީ ވަރަށްބޮޑަށް ލޯބިޖެހިފައި. އެހެންވީމާ ކެނޑިގެން ދިޔުމުގެ ބަދަލުގައި ބޭނުންވަނީ އަދިވެސް ޚިދުމަތްކުރަން. ގިނަދުވަހު އުޅެވުމަކީ ލިބުނު ހިތްވަރެއް،” އޭނާ ބުންޏެވެ. ޝީޒާއަކީ އަންބެކެވެ. ބޮޑުވެފައިވާ ދެ ކުދިންގެ މަންމައެކެވެ. ފިރިމީހާ އުޅެނީ ރިސޯޓެއްގައެވެ. ފިރިމީހާ ރަށަށް އަންނަ ކޮންމެ ފަހަރަކު ފިރިމީހާއަށާއި އާއިލާއަށް ވަގުތު ހުސްކުރުމަށް ޝީޒާވެސް ޗުއްޓީ ނަގައެވެ. “ފިރިމީހާ ރަށަށްއައިމާ އަހަރެންވެސް ޗުއްޓީ ނަގައިގެން ގޭގައި މަޑުކުރަނީ. އެހެން ހެދުމުން އާއިލީ އެއްވެސް މައްސަލައެއް ދިމާނުވެ ހުރިހާ ކަމެއްވެސް ރަނގަޅަށްދަނީ. މި ވަޒީގައި މިއުޅެނީވެސް ފިރިމީހާގެވެސް ހިތްވަރުން،” ޝީޒާ ބުންޏެވެ. ފިރިމީހާއާއި އާއިލާގެ އެއްބާރުލުން އޭނާއަށް ލިބުމަކީ ލިބުނު އިތުރު ހިތްވަރެކެވެ. އޭނާ ބޭނުންވަނީ މިދާއިރާއަށް އިތުރު އަންހެންކުދިން އެއްވެސް ޖެހިލުމެއްނެތި ވަންނުމަށެވެ. “މިއީ ހަމަވަރަށް ރަނގަޅު ވަޒީފާއެއް އަންހެންކުދިންނަށްވިޔަސް އަދާކުރަން. މިއީ އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ހަމަހަމަ ވަޒީފާއެއް. އެހެންވީމާ އަންހެންކުދިންވެސް ކެރިގެން ކުރިމަތިލާންވީ،” އޭނާ ބުންޏެވެ. ޝީޒާ ބުނީ އޭނާގެ މުސްތަގުބަލާއި އިކުއޭޓަރވިލެޖުގެ މުސްތަގުބަލްވެސް ފެންނަނީ ވަރަށް އުޖާލާކޮށެވެ. “އަޅުގަނޑުދެކެނީ ކުރިއަށްއޮތީ އަޅުގަނޑަށްވެސް މިތަނަށްވެސް ރަނގަޅު މުސްތަގުބަލެކޭ. ހަމައެގޮތަށް އަޅުގަނޑު ބުނެލަން ބޭނުންވޭ ދޭސީންނާއި ބިދޭސީންނަށްވެސް މިތަނަށް އަންނާށޭ. އަޅުގަނޑުމެން މިތިބީ ތިޔަ މެހުމާނުންނަށް ޚިދުމަތް ކޮށްދިނުމަށް އެދިއެދިއޭ. ބޭނުންވަނީ މިތަނަށް އަންނަ ކޮންމެ މެހުމާނަކުވެސް ހިތްހަމަޖެހިގެންދިޔުން،” އޭނާ ބުންޏެވެ.