ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑުގެ ގޮތުގައި ބެލެވޭ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް އައްޑޫސިޓީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެ ، ވޯޓަށް ހުޅުވާލައިފިއެވެ. މިފަހަރު އީކުއޭޓަރ ވިލެޖު ހޮވިފައިވަނީ ލީޑިން އެއަރޕޯޓް ހޮޓެލް، ލީޑިން ބުޓިކް ހޮޓެލް، އަދި ލީޑިން ހެރިޓޭޖް ހޮޓެލް ކެޓަގަރީ އަށެވެ. މި ތިން ކެޓަގަރީއަށް ވޯޓު ލުމުގެ ސުންގަޑިއަކީ މި ޖުލައި މަހުގެ 15 ވާ ހޯމަ ދުވަހެވެ. ވޯޓު ލުމަށްޓަކައި ސައުތު އޭޝިއަން ޓްރެވެލް އެވާޑް ވެބްސައިޓްއަށް ޒިޔާރަތްކޮށް އީކުއޭޓަރ ވިލެޖް ޚިޔާރު ކުރެއްވުމަށްފަހު ބޭނުންވާ ކެޓަގަރީ ނެންގެވުމުން އީމެއިލް އެޑްރެސް ބޭނުންކޮށްގެން ވޯޓު ދެވޭނެއެވެ.
ދުނިޔޭގެ ފެންވަރުގެ ގިނަ ރިސޯޓްތަކާއި ވާދަކޮށް މިހާތަނަށްވެސް ރަން އެވޯޑުތަކެއް ޙާސިލުކޮށްފައިވާ އީކުއޭޓަރ ވިލެޖު މިވަނީ ޓީޓީއެމް އެވޯޑުގެ މުހިންމު 2 ކެޓަގަރީއަކަށްވެސް ނޮމިނޭޓް ވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އެޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތުގެ ތެރޭ އޮންނަ، ޓީޓީއެމް އެވޯޑުގައި އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެފައިވަނީ ބެސްޓް ބުޓިކް ރިސޯޓާއި، ބެސްޓް މައިސް ޑެސްޓިނޭޝަން ކެޓަގަރީއަށެވެ. މީގެ ތެރެއިން ބުޓިކް ރިސޯޓް ކެޓަގަރީއަށް ވޯޓު ލުމަށްޓަކައި ޓްރެވެލް ޓްރޭޑް މޯލްޑިވްސް ބެސްޓް ބުޓިކް ރިސޯޓް އީކުއޭޓަރ ވިލެޖް ލިންކަށް ޒިޔާރަތްކޮށް އީމެއިލް އިން ލޮގިން ކުރެއްވުމުން ވޯޓު ދެއްވޭނެއެވެ. އަދި ބެސްޓް މައިސް ކެޓަގަރީއަށް ވޯޓު ދެއްވުމަށްޓަކައި ޓްރެވެލް ޓްރޭޑް މޯލްޑިވްސް ބެސްޓް މައިސް ކެޓަގަރީއަށް ވެންނެވުމަށްފަހު ލޮގިން ކުރައްވައިގެން ވޯޓު ދެއްވޭނެއެވެ. ޓީޓީއެމް އެވޯޑަށް ވޯޓު ލުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ. ޓީޓީއެމް އެވޯޑު ޙަފްލާ މިފަހަރު އޮންނާނީ އޮގަސްޓް 22 ވަނަ ދުވަހު އަދާރަން ހުދުރަންފުށީގައެވެ.
25 އަހަރުގެ ކާމިޔާބު ދިގު ތާރީޚެއް އޮތް އީކުއޭޓަރ ވިލެޖަށް ދާދި ފަހުންވަނީ ދުނިޔޭގެ ފެންވަރުގެ 2 އެވޯޑެއް ލިބިފައެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރާއި މެހެމާންދާރީގެ ޞިނާޢަތުގައި އެންމެ ފާހަގަ ކޮށްލެވޭ ޝަރަފްވެރި އެވޯޑު ޙަފްލާކަމަށްވާ ” ވޯލްޑް ޓްރެވެލް އެވޯޑްސް އިން އިންޑިއާ ކަނޑުގެ ލީޑިން އެއަރޕޯޓްގެ އެވޯޑު،އީކުއޭޓަރ ވިލެޖް އުފުލާލިއިރު މިއީ މި އެވޯޑު އެރިސޯޓުން ހޯދި ދެވަނަ ފަހަރެވެ. އެއެވޯޑާއެކު އީކުއޭޓަރ ވިލެޖް ވެފައިވަނީ މިއަހަރު އައްޑޫސިޓީއިން ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ޙާސިލްކުރި ހަމައެކަނި ހޮޓަލަށެވެ.
ކައިމޫ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާ އީކުއޭޓަރ ވިލެޖަކީ އައްޑޫގެ ތާރީޚާއި ސަގާފަތާއި ޤުދުރަތީ ރީތިކަމާއި މެހްމާންދާރީއަށް އިސްކަން ދީގެން ޚިދުމަތް ދެމުންއަންނަ ހޮޓަލެކެވެ. މިރިސޯޓަށް ވަނީ ވިދިވިދިގެން 3 ފަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ހޯދައިގެން 2022 ވަނަ އަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ގޯލްޑް އެވޯޑު ޙާސިލްކޮށްފައެވެ. އަދި ހަމައެއަހަރު ލީޑިން ހެރިޓޭޖް ހޮޓެލް ސިލްވަރ އެވޯޑު ވެސް އީކުއޭޓަރ ވިލެޖް ހޯދާފައިވެއެވެ.
އީކުއޭޓަރ ވިލެޖަކީ ދެކުނު އޭޝިއާ ސަރަހައްދުން ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ،ސަޓާއެވޯޑުޙަފްލާފަދަ ބައިނަލް އަޤްވާމީ ޙަފްލާއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ހަމައެކަނި މަންޒިލް ވެސްމެއެވެ. އެއް ހަފްތާއަށް ދިގުދެމިގެންދިޔަ، ދިވެހިންގެ ސަގާފަތާއި ހުނަރުވެރިކަމާއި ފަންނުވެރިކަން އެކުލެވޭ ކުލަގަދަ ފެސްޓިވަލަކާއެކު ކުރިއަށްދިޔަ މިއެވޯޑު ޙަފްލާ އީކުއޭޓަރ ވިލެޖުގައި ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.
މިހާރުވެސް އެރިސޯޓް ފާހަގަ ވެފައިވަނީ ކައިވެނި ޕާޓީތަކާއި ،ޑިނަރނައިޓާއި ޓްރެއިނިންތަކާއި މަހާސިންތާ އަދި އަހަރީ ޖަލްސާތަކާއި އައްޑޫސިޓީގައި ބާއްވާ ޚާއްސަ އެތައް ޙަފްލާއެއް ހޮސްޓު ކުރެވޭ ތަނެއްގެ ގޮތުގައެވެ.
އީކުއޭޓަރ ވިލެޖުގެ ކާމިޔާބީއާއި ގުޅޭގޮތުން އެރިސޯޓުގެ މެނޭޖަރ މުޙައްމަދު ވަޙީދު ވިދާޅުވީ ރިސޯޓު ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވަނީ ކަމަށްކަމޭހިތާ ހީވާގި މުވައްޒަފުންތަކެއްގެ މިންނެތް މަސައްކަތާއި، އަދި މުޅި އައްޑޫސިޓީއިން ފަތުރުވެރިންނަށް ލިބެމުންދާ ހިތްހެޔޮކަމާއި ލޯތްބާއި މެހްމާންދާރީ ގެ ބޮޑުކަންކަމަށެވެ. އެރިސޯޓަށް ލިބެމުންދާ މިފަދަ ޝަރަފްވެރި އެވޯޑުތަކުގެ ސަބަބުން އީކުއޭޓަރ ވިލެޖާއި އަދި ވަކިން ޚާއްސަކޮށް އައްޑޫސިޓީގެ މަޤްބޫލުކަން ދުނިޔޭގެ ކަންކޮޅުތަކުގައި އުފުލިފައިވާކަން ވަޙީދު ފާހަގަކުރެއްވިއެވެ. ވަޙީދު ވިދާޅުވީ އީކުއޭޓަރ ވިލެޖުން އަބަދުވެސް މަސައްކަތްކުރަނީ އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެމީހުންގެ ހަނދާނުން ނުފިލާފަދަ ޚިދުމަތްތަކަކާއި ތަޖުރިބާ ތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ، އެއްފަހަރު ޚިދުމަތްހޯދާ ފަތުރުވެރިން ތަކުރާރުކޮށް އެތަނަށް ޒިޔާރަތްކުރާ ކުރުމުން ދޭހަވެގެންދާ ކަމަށެވެ.