English Edition
Dhivehi Edition

އިންޑިއާގެ ބެންގަލޫރުގެ “އޯލާ” ޓެކްސީއިން ދަތުރުކުރި އަންހެނަކަށް ބިރުދައްކައި ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ޓެކްސީގެ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.

އެކަމާ ބެހޭގޮތުން ބެންގަލޫރުގެ ފުލުހުން ރަޖިސްޓްރީކުރި ފަސްޓް އިންވެސްޓިގޭޝަން ރިޕޯޓު (އެފްއައިއާރް) އާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ ހައްޔަރު ކޮށްފައިވަނީ އޯލާގެ ޑްރައިވަރެއް ކަމުގައިވާ އަރޫން ވީ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

އެފްއައިއާރްގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ބެންގަލޫރުގައި މަސައްކަތް ކުރަމުން އަންނަ މެންގަލޫރުގެ އަންހެނަކު އީމެއިލް މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅި ޝަކުވާއާއި ގުޅިގެންނެވެ.

އެފްއައިއާރްގައި ބުނެފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ބެންގަލޫރުން މެންގަލޫރަށް ދިޔުމަށްޓަކައި އެއާޕޯޓަށް ދިޔުމަށް އެ އަންހެންމީހާ އޯލާއިން ޓެކްސީ ހަމަޖެއްސި ކަމަށެވެ. އަދި ވަކި ހިސާބަކަށް ދަތުރުކުރުމަށްފަހު ޓެކްސީ ދުއްވަން އިން އަރޫން،ޓެކްސީގެ މިސްރާބު މީހުން ނޫޅޭ ހިސާބަކަށް ބަދަލުކުރި ކަމަށެވެ. އެއަށްފަހު ޓެކްސީގެ ހުރިހާ ދޮރެއް ތަޅުލައި، ހަޅޭއްލަވައިފިނަމަ މަރާލާނެކަމުގެ އިންޒާރު އަންހެންމީހާއަށް ދިނެވެ.

މީގެ އިތުރަށް އަންހެންމީހާގެ ކަރުގައި ހިފުމަށްފަހު، އޭނާ އެދޭކަމެއް ނުކޮށްފިނަމަ ރައްޓެހިންނަށް ގުޅައިގެން ގެނެސް ގޭންގު ރޭޕް ކުރާނެ ކަމުގެ އިންޒާރުވެސް ދިން ކަމަށް ބުނެފައިވެއެވެ. އަދި އެއަށް ފަހު އެ އަންހެން މީހާގެ ފޮޓޯތައް ތަފާތު ގޮތްގޮތަށް ނަގުވައި އެފޮޓޯތައް އަންހެން މީހާގެ ފޯނުން އަރޫންގެ ފޯނަށް ޓްރާންސްފާ ކުރި ކަމަށްވެސް ބުނެފައިވެއެވެ.

ޖިންސީ ފުރައްސާރަ އަންހެންމީހާއަށް ކުރުމަށް ފަހު، އޭގެ ފަހުން އޭނާ ގެންގޮސް އެއާޕޯޓަށް ލީކަމަށާއި އެކަމާ ބެހޭގޮތުން މައްސަލައެއް ޖައްސައިފިނަމަ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކުކޮށްލާނެ ކަމުގެ އިންޒާރުވެސް ދިން ކަމަށް އެފްއައިއާރް ގައި ބުނެފައިވެއެވެ.

އެކަމާ ބެހޭގޮތުން ފުލުހުން އިތުރަށް ބުނެފައިވަނީ، އެއާރޕޯޓަށް ދެވުމާއެކު އެ އަންހެންމީހާ އެ މައްސަލަ ހުށަހެޅީ ސީދާ ފުލުހުންގެ ކޮމިޝްނަރަށް ކަމަށެވެ.

އެ އީމެއިލް ލިބުމާއެކު އެފްއައިއާރް ރަޖިސްޓްރީކޮށް އެ ޑްރައިވަރު ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން އޯލާގެ ތަރުޖަމާނު ބުނެފައިވަނީ، އެކަމާއި މެދު ނިހާޔަތަށް ކަންބޮޑުވާކަމަށެވެ. އަދި އެފަދަ ކަންކަމަކީ އޯލާއިން އާދައިގެ ގޮތަކަށް ދޫކޮށްލާނެ ކަންކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން އެ ތަނުގެ ޓެކްސީ ތަކުން ދަތުރުކުރާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންނަށް ވެވެންއޮތް ވަރަކަށް އެއްބާރުލުން ދޭނެކަމަށް ވެސް ތަރުޖަމާނު ބުނެފައިވެއެވެ.