މިހާތަނަށް ކުނި މެނޭޖުކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި ހަމައެކަނި ކުރަމުން އައި ކަމަކީ ކުނި ޖަމާކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގެ ކުނީގެ މައްސަލަތަކާ ގުޅޭ ގޮތުން، މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެންވަޔަރްމެންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ ކުނި ބައިކޮށް، ވަކިކޮށް، އެއީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ މަސައްކަތް ވެސް ކޮށްފައި ނުވާ ކަމަށެވެ.
އެހެންނަމަވެސް މިއަހަރުގެ ތެރޭގައި ކުނީގެ މައްސަލައަށް ވަރަށްބޮޑުތަނުން ހައްލު ފެންނާނެ ކަމަށާއި އޭގެތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ރ. ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖުމެންޓް ސެންޓަރު އަންނަ ޖޫން މަހު އޮޕަރޭޝަނަށް ގެނެވޭނެކަން ފާހަގަ ކުރެއްވި އިރު، ތިލަފުށީގައި ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ފުރަތަމަ ފޭސްގެ އިންފްރާންސްޓްރަކްޗަރ މަސައްކަތް ނިމިފައިވާކަން ވެސް ޝައުނާ ފާހަގަކުރެއްވިއެވެ.
“އެތަން އެއްކޮށް ނިމުމުން، މާލެ އަތޮޅާއި ވ. އަތޮޅުގައި މިހާތަނަށް އުފެދިފައިވާ ކުނި އެތަނަށް ގެންދެވޭނެ. ތިންވަނަ ރީޖަނަލް ވޭސްޓް މެނޭޖުމެންޓް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް އައްޑޫ ސިޓީގައި މިހާރުއެބަ ކުރިއަށްދޭ. އެތަނުގައި 50 ޓަނުގެ ވޭސްޓް އެނަރޖީ ޕްލާންޓް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންގޮސް، ހުރިހާ ސިވިލް ވޯކު ވަނީ ނިމިފަ.” އެންވަޔަރްމެންޓް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝައުނާ ވިދާޅުވީ އަމާޒަކީ މިއަހަރުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނައުން ކަމަށޢި މި ޕްރޮޖެކްޓްގެ ދަށުން އެއް ރަށުން އަނެއް ރަށަށް ކުނި ގެންދިއުމުގެ ބަދަލުގައި ކުނި ގެންދާނީ ސީދާ ރީޖަނަލް ސެންޓަރަށް ކަމަށެވެ. އަދި ކުނި ގެންދެވެންދެން ކޮންމެ ރަށެއްގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.