ލޮލަކީ ގުނަވަންތަކުގެ ތެރެއިން އެންމެ ނާޒުކު އެއް ގުނަވަނެވެ. ލޮލުގެ ފެނުމަކީ ދާދި ކުޑަ ވަގުތު ކޮޅެެއްގެ ތެރޭގައި ނެތިގެން ގޮސްދާނެ އެއްޗެކެވެ. އެގޮތަށް ފެނުން ނެތިދިއުމުން އެކަމުގެ ހިތްދަތިކަން ކުރެވޭނެއެވެ. ފެނުމުގެ މުހިއްމުކަން އިޙްސާސް ކުރެވޭނެއެވެ. އެނިއުމަތަށް ޝުކުރުކުރެވޭނެއެވެ.
އިންސާނުންގެ ލޮލަށް ދެއްވާފައިވާ ފެނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓަން އަބަދުވެސް މަސައްކަތްތަކެއް ކުރެވެއެވެ. ފަރުދީގޮތުން އެކި މީހުން އެކިކަންކަން ކުރެއެވެ. އެގޮތުން ކުރެވޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮންނަނީ އަވި އައިނު އެޅުމެވެ.
މޫސުމަށް އަންނަ ބަދަލާއި އެކު އަޅަންޖެހޭ އަވިއައިނު ތަފާތު ކުރަން ޖެހެއެވެ. ސަބަބަކީ އިރަކީ އޭގެ ދޯދިތަކުން ގިނަ ފައިދާތަކެއް ލިބޭ އެއްޗަކަށް ވީނަމަވެސް ނުރައްކާތެރި މާއްދާތަކެއްވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން އިރުގެ އަލްޓްރާ ވައިލެޓް ދޯދި ނުވަތަ ޔޫވީ ރޭސް އަކީ ހަށިގަނޑަށް އޭގެ އަސަރު ނުކުރާ އެއްޗަކަށްވީނަމަވެސް ލޮލަށް އޭގެ އަސަރު ކުރާ އެއްޗެކެވެ. އާދަޔާ ހިލާފަށް ޔޫވީ ލޮލަށް އެޅުމުން ލޮލުގެ ފެނުމަށް ވަރަށް ބޮޑަށް އަސަރުކުރުވައެވެ. އެގޮތުން ލޮލުގެ ބައްޓަމަށް ބަދަލު އައިސް، ‘ސްނޯ ބްލައިންޑްނެސް’ އައުން ހިމެނެއެވެ.
އިރުގެ އަލީގައި ގިނަ ވަގުތު ހޭދަ ކުރުމުން ލޮލަށް ތަންތަން ފެންނަގޮތް ބަދަލުވެއެވެ. އަދި ތަންތަން ބެލުމަށް ލޮލުން ކުރަން ޖެހޭ މަސައްކަތް ބުރަވެގެން ދެއެވެ. މީގެ ސަބަބުން ލޮލަަށް އުނދަގޫތަކާއި ކުރިމަތިވެ، ލޮލުގެ ފެނުން ދަށްވުން އެކަށީގެން ވެއެވެ. އެހެންކަމުން އަވިއައިނު އެޅުމުގެ ސަބަބުން ލޮލަށް އަރާމް ގެނެސްދީ، ފެންނަ ފެނުން ސާފުކޮށްދެއެވެ. އަދި އޭގެ ސަބަބުން ހޫނު އަލީގައި އުޅުމަށާއި، އަދި އުޅަނދުތައް ދުއްވާއިރުވެސް ފަސޭހަކަން ގެނެސް ދެއެވެ.
ސިއްޙީ ނަޒަރަކުން ބަލާއިރު އަވިއައިނު ނާޅާނަމަ ހަމުގެ ކެންސަރު ޖެހުމަށް އޮންނަ ފުރުސަތު ބޮޑުވެގެން ދެއެވެ. އެގޮތުން ގިނަ މީހުން ބޭރަށް ދާއިރު އިރުގެ ހޫނުން ސަލާމަތް ވުމަށްޓަކައި ތަފާތު ވައްތަރުތަކުގެ ސަން ކްރީން ލައެވެ. އެހެންނަމަވެސް ލޮލަކީ އެފަދަ ކްރީމް ލެވޭތަނަކަށް ނުވެއެވެ. އަދި ލޮލުގެ ވަށައިގެންވާ ސަރަހައްދުތަކަކީ ތުނި ހަންގަނޑެއް ލިބިފައިހުންނަ ސަރަޙައްދުތަކެވެ. އެހެންކަމުން ޔޫވީ ރޭސްގެ އަސަރު ވަރަށް އަވަހަށް އެސަރަޙައްދުތަކަށް ކޮށް، ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވެގެން ދެއެވެ. މިކަމުން ސަލާމަތް ވެތިބުމަށް ރަނގަޅު ފެންވަރެއްގެ އަވިއައިނެއް ގެ ބޭނުން ކުރެވިދާނެއެވެ.
ގިނަ ވަގުތު ނުވަތަ ކުޑަ އިރުކޮޅަކަށް ނަމަވެސް ހޫނު އަވީގައި އުޅެފައި އަނދިރި ތަނަކަށް ވަނުމުން އެތަނެއްގެ އަލިކަމަށް ލޯ ހޭނުމަށް ވަގުތު ބޭނުން ވެއެވެ. ހަމަ އެގޮތަށް އަނދިރި ތަނެއްގައި ހުޅެފައި ކުއްލިއަކަށް އިރުގެ އައްޔަށް ނުކުތުމުން ވެސް މިބަދަލު އާދެއެވެ. އެހެނީ ލޮލަކީ ބަދަލުތަކަށް އަވަހަށް ހޭނޭ ގުނަވަނަކަށް ވީނަމަވެސް އޭގެ ސަބަބުން ލޮލަށް ކުރާ އަސަރު ވަރަށް ބޮޑުވެގެން ދެއެވެ. އަދި މިގޮތަށް ގިނައިން ބަދަލުތައް އަންނަމީހުންގެ ލޮލުގެ ފެނުމަށް އަވަހަށް ބަދަލުތައް އައިސް ފެނުން ގެއްލުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެހެންކަމުން މިކަމަށް އޮތް ހައްލެއްގެ ގޮތުން އަނދިރި ތަނަކުން އަލިތަނަށް ނުކުންނަ އިރު ލޮލަށް ކުރާ އަސަރު ކުޑަކުރުމަށް އަވި އައިނު އެޅިދާނެއެވެ. އަދި އަވިއައުނު އަޅައިގެން އަވީގައި އުޅެފައި އަނދިރި ތަނަކަށް ދިޔުމުން އަވަހަށް އެމާހައުލަކަށް ލޯ ހޭނޭނެއެވެ.
ލޮލަކީ ނާޒުކު ގުނަވަނަކަށް ވީތީ ލޮލަށް ދޭންވީ ސަމާލުކަން އިތުރު ކުރަން ޖެހެއެވެ. އެގޮތުން ބޭރުގައި އުޅޭ އިރު އަބަދުވެސް އަވިއައިނު އަޅައިގެން އުޅުން މުހިއްމެވެ. އަދި މިކަމަކީ ލޮލުގެ ޙާއްސަ ޑޮކްޓަރުންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ. އައިނު ބައްލަވައިގަންނަ އިރު %100 ޔޫވީއޭ ނުވަތަ ޔޫވީބީ ގެ އައިނު ހޯދުން މުހިއްމެވެ. އަދި ނަންބަރު އައިނު އަޅާނަމަ އަވިއަނުވެސް ނަމްބަރު އައިނާ އެއްގޮތަށް ހެދިދާނެއެވެ.