އިންސާނާގެ ހަށިގަނޑަށް އެކި ދުވަސްވަރު ތަކުގައި އެކި ކަހަލަ ބަދަލުތައް އަންނަމުންދެއެވެ. އެގޮތުން އޭނާގެ ޒުވާން ދުވަސްވަރުން ފެށިގެން ފުރާފުރިހަމަވެ، މުސްކުޅި އުމުރަށް ދިޔުމާއި ހަމައަށެވެ.
ގިނަ މީހުންނަށް އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް އެންމެ ރަނގަޅަށް ނޭނގޭ ކަމަށް ބުނަމުން ދެއެވެ. އެގޮތުން ހާއްސަކޮށް އުމުރުން 30 އަހަރުގައި އަންނަ ބަދަލުތަކަކީ ގިނަ ބަޔަކު އެކަމާއި މެދު ވިސްނާލާ ބަދަލުތަކެއް ނޫނެވެ. ނަމަވެސް މިއީ ވަރަށް އާދަޔާ ޚިލާފް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ހާއްސަކޮށް އަންހެނުންނަށް އަންނަ ބަދަލުތައް ތަފާތެވެ. އެހެންކަމުން އެބަދަލުތައް އެނގިތިބުން ވަރަށް މުހިއްމެވެ.
ހަށިގަނޑަށް އަންނަ ހުރިހާ ބަދަލަކީ ފެންނަން ހުންނަ ބަދަލުތަކެއް ނޫނެވެ. އެގޮތުން ހޯމޯންސްތަކާއި، ކަށިތަކަށްވެސް ބަދަލުތައް އާދެއެވެ. ނަމަވެސް މިބަދަލުތަކަކީ އެހާ ބިރުހީވާންޖެހޭ ކަންކަމެއް ނޫނެވެ. ސަބަބަކީ އެއީ ގުދުރަތީ ގޮތުން އަންނަ ބަދަލުތަކަށް ވާތީއެވެ.
30 އަހަރުގައި އަންނަ ބަދަލުތަކެގެ ތެރެއިން އެންމެ އާދަޔާ ހިލާފް ބަދަލެއް ކަމަށްވާ ކަށިތަކަށް އަންނަ ބަދަލު އެންމެ ބޮޑަށް އަންނާނީ އަންހެނުންނަށެވެ. އެގޮތުން ކަށިތަކުގެ ބަރުދަން ލުއިވެގެން ދާނެއެވެ. މީގެ ސަބަބުން ހަށިގަނޑުވެސް ލުއިވެގެން ދާނެއެވެ. އެހެންނަމަވެސް މިގޮތަށް ކަށިތަށް ލުއިވުމުން ކައްޓަށް ޖެހޭ ބަލި ޖެހުމަށް އޮންނަ ފުރުސަތު ބޮޑުވެގެން ދެއެވެ. އަދި އަވަހަށް ކަށިތައް ބިންދައިގެން ދިޔުންވެސް ހިމެނެއެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކެލްސިއަމް ހިމެނޭ ބާވަތްތައް ބޭނުންކުރުން މުހިއްމެވެ. އަދި ގަވައިދުން ކަސްރަތު ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ހަމައެއާއި އެކު ގިނައިން ޗީސް ކެއުމުން މިކަމަށް ވަރަށް އެކަށީގެންވާ ހައްލެއް ލިބޭނެކަމަށް މާހިރުން ބުނެފައިވެއެވެ.
އަންހެނުންގެ ފަރާތުން ދެން އެންމެ ބޮޑަށް ފާހަގަ ކުރެވިގެންދާނެ ކަމަކީ އެމީހުންގެ ހޯމޯންސް ތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންނަ ކަންކަމެވެ. އެގޮތުން ދެމަފިރިކަމުގެ ގުޅުންފަދަ ގުޅުންތައް ހިންމުގައި އެކަނބަލުނަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. މިކަން ބެލުމަށްޓަކައި 2010 ވަނަ އަހަރު ހިންގުނު ދިރާސާއަކުން އެނގުނު ގޮތުގައި އުމުން 27 އަހަރާއި 45 އަހަރަކީ އަންހެނުން އެންމެ ބޮޑަށް އެފަދަ ގުޅުމަށް ބޭނުންވާނެ އުމުރުކަމަށްވެއެވެ. އަދި އެއުމުރުގައި އެކަނބަލުންގެ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތައް އައިސް އެކަން އެމީހުން އަމިއްލައަށް ވެސް އިޙްސާސްކުރާނެއެވެ.
2010 ވަނަ އަހަރު ކުރެވުނު އިތުރު ދިރާސާ އަކުން އެނގުނު ގޮތުގައި އުމުރުން 30 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ޑިޕްރެޝަން އަށް ދިޔުމުގެ ފުރުސަތު ބޮޑުކަމެވެ. މިހެންމިގޮތަށް ވާން ޖެހެނީ އުމުރުގެ ފަހު ވިހީގެ އަހަރުތަކުގައި ނުވަތަ ތިރީހުގައި ސްޓްރެސް ވުން އިތުރުވާތީ އެވެ. އަދި ކަންކަމުގައި މާޔޫސްވުން އަވަސްވާތީއެވެ. މިކަމުގެ އަސަރުވެސް ބޮޑަށް ފެންނާނީ އަންހެނުންގެ ކިބައިނެވެ.
މިއުމުރުގައި ހަށިގަނޑުގެ ބޭރުފުށުން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ހަންގަނޑު ކުރެކިވުމެވެ. މިގޮތަށް ވާންޖެހެނީ ހަންގަނޑު ބާރުކޮށް ބެހެއްޓުމަށްޓަކައި ހަށިގަނޑުން އުފައްދާ މާއްދާއެއް ކަމަށްވާ ‘ ކޮލަގެން’ އުފެއްދުން މަދުވުމެވެ. އޭގެ ސަބަބުން ބައެއް ގުނަވަންތަކުގައި ހުންނަ ވާންކަން ކުޑަވެގެން ދެއެވެ.
އުމުރުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް، ޙާއްސަކޮށް އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލު ތަކަކީ އަޖައިބުން ފުރިގެންވާ ކަހަލަ ކަންކަމެވެ. އަދި މިކަންކަމުގެ ސަބަބުން އަންހެނުން އިތުރަށް ފުރިހަމަވެގެން ދެއެވެ. ތިރީހުގެ އަހަރުތަކުގައި އަންނަ ބަދަލު ތަކަކީ އަންހެނުންގެ ހަށިގަނޑަށް އަންނަ އެންމެ ފުރިހަމަ ބަދަލުތަކެވެ.