English Edition
Dhivehi Edition

ދުނިޔޭގެ ވަރަށް ގިނަ މީހުން އަތުން ކައި އުޅެއެވެ. އެހެންނަމަވެސް ޔޫރަޕްގެ އާދަކާދަތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައިވާ ވަރުން އަތުން ކެއުމަކީ ހަޑިކަމަކަށް ވަނީ ވެފައެވެ. އެގޮތުން ސަމްސަލާއި އޫ ބޭނުންކޮށްގެން ކެއުމަކީ ފެޝަނެކޭ ބުނާއިރު، އަތުން ކެއުމުން ލިބޭ ފައިދާ އެނގެނީ ކިހާވަރަކަށްހެއްޔެވެ؟ އަތުން ކެއުމުން ގިނަ ބަލިތަކުން ސަލާމަތް ކޮށްދެއެވެ. ފަހުގެ ދިރާސާ ތަކުން ދައްކާގޮތުން ހަކުރު ބަލީގެ އެއްބާވަތެއްގެ މީހުންނަކީ އެހެންމީހުންނާއި އަޅާބަލާއިރު ވަރަށް އަވަސް އަވަހަށް ކައި ހަދާ މީހުންނެވެ. އެގޮތަށް ކެއުމުގެ ސަބަބުން ހަށިގަނޑުގެ ހަކުރުގެ މިންވަރު ތަފާތުވެގެން ދެއެވެ. ލަސްލަހުން ކާން ބޭނުންނަމަ އަތުން ކެއުން ރަނގަޅެވެ. ލަސްލަހުން ކާނަމަ މަދު ކާއެތިކޮޅަކުން ބަނޑުހައި ހޫނުކަން ފިލުވާލެވިދާނެ ކަމަށް ސިއްޙީ މާހިރުން އެއްބަސްވެފައިވެއެވެ. އަތުގައި ހުންނަ ބެކްޓީރިއާތަކަކީ އަބަދު ނުރައްކާތެރި އެއްޗެއްނޫނެވެ. އެގޮތުން އަތްތިލައިގައި އާއި އިނގިލިތަކުގައި ހުންނަ ބެކްޓީރިއާއެއް ކަމަށްވާ ‘ފްލޯރާ’ އަކީ އިންސާނާއަށް ފައިދާ ކުރާ ބެކްޓީރިއާތަކެކެވެ. އަތުން ކެއުމުން އެބެކްޓީރިއާތައްވެސް ހަށިގަނޑުގެ ތެރެއަށް ދެއެވެ. އެގޮތުން އެއިގެ ސަބަބުން އަނގައާއި، ކަރުތެރެއާއި، ގުހޮރަށް ގިނަ ފައިދާތަކެއް ލިބޭއިރު ކާތަކެތި ހަޖަމްކުރުމަށް އެހީތެރިވެއެވެ. އެގޮތުން ކާތަކެތީގައި އަތްލުމުން އިނގިލިތަކުގައި ހުންނަ ‘އެންޒައިމްސް’ ތަކުން ހަޖަމްކުރުމަށް ބޭނުންވާ މާއްދާތައް ބޭރުކޮށްލައެވެ. އަދި ހަމައެހެންމެ، އަތުން ކާއިރު އަތުގެ ނާރުތަކާއި ގުޅިފައި ހުންނަ އެހެން ނާރުތަކަށް އެމެސެޖް އަވަހަށް ގޮސް ފޯރުކޮށްދީ ހަށިގަނޑު އެކަމަށް ތައްޔާރުކޮށްދެއެވެ. އެގޮތުން ކާތަކެތީގެ ހޫނު މިންވަރާއި، ކުޅި މިންވަރާއި، ރަހަ އަންގައިދީ އެތަކެތި އަވަހަށް ހަޖަމުކުރުމަށް ބަނޑު ތައްޔާރުކޮށްދެއެވެ. ފަހުގެ ދިރާސާ ތަކެއްގެ މައްޗަށް ބިނާކޮށް ‘ކޮންސަލްޓިން އެންޑް ކްލިނިކަލް ސައިކޮލަޖީ’ ގެ މައްޗަށް ބިނާކޮށް އިންޓަނެޓްގައި ޝާއިރުކޮށްފައިވާ ލިޔުމަކަށް ބަލާއިރު އަތުން ކާ އާއިލާތަކުގައި ކެއުމުގެ އާދަ އާދަޔާޙިލާފަށް ރަނގަޅުކަމަށް ބެލެވިފައިވެއެވެ. އެގޮތުން އެއާއިލާތަކުން ބަނޑުހައި ވުމުން ނޫނީ ނުކެއުމާއި، ޙާއްސަ ސަމާލުކަން ދީގެން ކެއުން ހިމެނެއެވެ. މީގެ އިތުރުން 8 އަހަރާއި 12 އަހަރުގެ ކުދިން ގެ ބަރުދަން މަތިވުމުން ވެސް މިފަދަ އާއިލާތަކުގައި މަދުކަން ފާހަގަ ކޮށްފައިވެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކާނާ އަށް ޙަރަދު ކުރާ މިންވަރުގެ 40 އިންސައްތަ އަކީ ގެއިން ބޭރުން އިންސާފުކުރާ ކެއުންތަކެވެ. މިފަދަ ކެއުންތަކަކީ ގިނަ އަދަދަކަށް ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތައް އެކުލެވޭ ކެއުންތަކެވެ. އެހެންނަމަވެސް އެތަންތަނުގައި ގިނަ ފަހަރަށް ކާން ޖެހިފައި އޮންނަނީ ސަމްސަލާއި އުލުންނެވެ. އެހެންކަމުން ގޭގައި ކެއްކުމަށް ވަރަށް ގިނަ ޕްރޮފެސަރުން ލަފާދީފައިވެއެވެ. އިތުރު ދިރާސާތަކަށް ބަލާއިރު ނިއުޒިލޭންޑްގައި 1600 މީހުން ހިމަނައިގެން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން ބަނޑުހައިކަމުގެ އިޙްސާސާއި އެކު ކާ އަންހެނުންގެ ހަށިގަނޑުގެ ބަރުދަން ލުއިވެފައި ވާކަން ފާހަގަ ކުރެވިފައިވެއެވެ. އަދި ކާއިރު އެހެންކަންކަމާއި މަޝްއޫލުވެގެން ކާނަމަ ކެއުމުގެ ފައިދާ އެންމެ ރަނގަޅުގޮތުގައި ނުކުރައެވެ. އެގޮތުން ޓީވީ ބަލަމުން ނުވަތަ ނޫސް ކިޔަމުން ފަދަ ކަންކަން ކުރުން ރަނގަޅެއް ނޫނެވެ. ގިނަ ދިރާސާކުރާ ފަރާތްތައް އެއްބަސްވެފައިވާ ގޮތުގައި އަތުން ކެއުމަކީ ކާތަކެއްޗާއިމެދު ހިތްހަމަޖެހި، ކެއުމުގެ ހަޤީގީ ފައިދާ ލިބިދޭ ހަމަ އެކަނި ގޮތެވެ.