މި މަހުގެ 14 ވަނަ ދުވަހު ރިލީސް ކުރި’ޖައްގާ ޖާސޫސް’ އަށް ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން،ފިލްމުގެ ޑައިރެކްޓަރަށް ރިޝީ ކަޕޫރު ފާޑުކިޔާއިފިއެވެ. ރިޝީ ކަޕޫރުގެ ދަރިފުޅު ރަންބީރަކީ ފިލްމުގެ ބަތަލުގެ އިތުރުން އެއް ޕްރޮޑިއުސަރަށްވާ އިރު ފިލްމަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ ޑައިރެކްޓަރު އަނޫރާގު ބާސޫކަމަށް ރިޝީވަނީ ބުނެފައެވެ. އަދި މި ފިލްމުގައި ދިމާވި ގިނަ މައްސަލަތަކުގެ ސަބަބުން އޭނައާއި ދަރިފުޅު ރަންބީރު ގެ ނަމަށް ހުތުރުވެފައިވާކަމަށް ރިޝީވަނީ ބުނެފައެވެ. 2014 ވަނަ އަހަރު ރިލީސްކުރުމަށް ނިންމާފައިވީ ނަމަވެސް ފިލްމު ބެލުންތެރިންނާއި ހަމައަށް އާއި އޭގެ ދެ އަހަރު ފަހުންނެވެ. އެހެންކަމުން ފިލްމަށް އެހާ ބޮޑު ނާކާމިޔާބަކީ ކުރިމަތިވި އެއް ސަބަބަކީ މިއީ ކަމަށް ރިޝީ ވަނީ ބުނެފައެވެ. މީގެ އިތުރުން ގޯވިންދާ ލައްވާ އެ ފިލްމުގައި ރޯލެއް ކުޅުވުމަށްފަހު، ފަހުން އޭނާގެ ރޯލު ފިލްމުން އުނިކޮށްފައިވާތީ އެކަމާ ވެސް ރިޝީވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ގޯވިންދާގެ މަންޒަރު އުނިކުރި މައްސަލައިގައި ރިޝީ ބުނެފައިވަނީ ގޯވިންދާ ކަހަލަ މަޝްހޫރު އެކްޓަރެއް ލައްވާ ފިލްމު ކުޅުވުމަށްފަހު މަންޒަރު އުނި ކުރުމަކީ އޭނާއަށް ކުރެވުނު މަލާމާތެއް ކަމުގައެވެ. “މި ފިލްމުގެ ޕްރޮޑިއުސަރަކީ ރަންބީރު. އޭނާވަނީ ފިލްމަށް ގިނަ ފައިސާތަކެއް ހަރަދުކޮށްފަ. އެކަމަކު ފިލްމު ރިލީޒް ކުރުމުގެ ކުރިން އޭނާއަށް ފިލްމު ދެއްކުން މުހިއްމު ކަމެއް ކަމުގައި ބާސޫ ނުދެކުނު.ބާސޫ އަށް އެހެން ކަންތައް ކުރުމުގެ ހައްގެއް ނެތް. ” ރިޝީ ކަޕޫރު ބުންޏެވެ. މިފިލްމަށް ކުރިމަތިވި ނާކާމިޔާބީ އާއި ބެހޭ ގޮތުން ރަންބީރު އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އަށްދުވަހުގެ ތެރޭގައި 46 ކްރޯޑު ލިބުނު މި ފިލްމުގެ ނާކާމިޔާބީ އަކީ ބާސޫގެ ޒިންމާދާރުކަން ކުޑަކަމުން ލިބުނު ގެއްލުމެއް ކަމުގައި ރިޝީވަނީ ފާޅުގައި ބުނެފައެވެ