English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އަދި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ކުރާ ދައުވާގައި އެ ތިން ބޭފުޅުންނާ ދެކޮޅަށް ތިން މީހަކު ހެކިބަސް ދީފިއެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ތެރެއިން 3 ހެކިވެރިންގެ ހެކިބަސް ނަގާފައިވަނީ، އެއްވެސް ބޭފުޅެއްގެ ދިފާއީ އެއްވެސް ވަކީލަކު ނެތިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހައްޔަރުކުރުމަށްފަހު ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން ފޯނު ނުދިން މައްސަލާގައިއެ ތިން ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތިން މީހުން ވެސް ހެކިބަސްދީފައި ވަނީ ސިއްރުންނެވެ. އެ ތިން ހެކީންނަކީ މައުމޫނާއި އަބްދުﷲ ސައީދު އަދި އަލީ ހަމީދަކީ މޮބައިލް ފޯނު ގެންގުޅުއްވާ ބޭފުޅުންކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންނެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ބޭފުޅުންގެ މައްޗަށް މިހާރު ސާބިތުވެފައިވާ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި ވެސް ހެކިބަސް ދިން މީހަކު މި މައްސަލައިގައިވެސް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުއާ ދެކޮޅަށް ވަނީ ހެކިބަސް ދީފައެވެ. ސިއްރުން ހެކިބަސް ދެމުން އެ ހެކިވެރިޔާ ބުނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބައެއް މައްސަލަތަކާ ގުޅިގެން އޭނާ އަށް ގުޅައި، ވާހަކަ ދެއްކެވި ކަމަށާއި، ވަކި ގޮތަކަށް އަމަލު ކުރުމުން ހެކިވެރިޔާއަށް ފަނޑިޔާރު އަލީ ހަމީދު ޝުކުރު އަދާ ކުރެއްވި ކަމަށެވެ.އަދި މައުމޫނާއި އަލީ ހަމީދު މޮބައިލް ފޯނު ގެންގުޅެނިކޮށް އޭނާއަށް ފެނިފައިވާ ކަމަށާއި އެ ދެ ބޭފުޅުންނާ ތަފާތު އެކި ދުވަސްމަތިން ފޯނުން މުއާމަލާތް ކޮށްފައިވާނެ ކަމަށް ވެސް ހެކިބަސްދެމުން އެ މީހާ ބުންޏެވެ.

ސިއްރުން ހެކިބަސް ދިން ދެވަނަ ފަރާތަކީ ސުޕްރީމް ކޯޓުގެ މުވައްޒަފެކެވެ.ހެކިވެރިޔާ ހެކިބަސް ދެމުން ދައުލަތުގެ ސުވާލަށް ޖަވާބު ދެމުން ބުނީ ހެކިވެރިޔާއަށް އެނގިގެން ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފޯނު ގެންގުޅުން މަނާ ތަނެއް ސްޕްރީމް ކޯޓުގައި ނޯންނަ ކަމަށެވެ. އޭނާ ބުނީ އަބްދުﷲ ސައީދާއި އަލީ ހަމީދު މޮބައިލް ފޯނު ގެންގުޅުއްވަނިކޮށް ފެނިފައިނުވާ ކަމަށާއި ނަމަވެސް އަލީ ހަމީދު ފޯނެއް ގެންގުޅޭކަން އެނގޭ ކަމަށެވެ.

ސިއްރުން ހެކިބަސްދިން އެއް ފަރާތަކީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތެކެވެ. އޭނާ ހެކިބަސް ދެމުން ބުނީ، ކޯޓުގައި ހިނގާ މައްސަލަތަކާ ބެހޭގޮތުން އެކި ފަހަރުމަތިން އަލީ ހަމީދުއާ މުއާމަލާތް ކޮށްފައިވާނެ ކަމަށާއި، އެގޮތުން ހަވީރު ނޫހުގެ މައްސަލައާއި، ވިލާ އެއާގެ މައްސަލައެއްގައި ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. ނަމަވެސް، މަޢުމޫން އަބްދުލްޤައްޔޫމް އާ ދުވަހަކުވެސް ދިމާވެފައި ނުވާ ކަމަށާއި، މައުމޫނުއާއެކު އެފަދަ އެއްވެސް މުއާމަލާތެއްވެސް ކޮށްފައި ނުވާނެ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ރޭގެ ޝަރީއަތުގެ މަޖިލީހަށް އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ވަކީލުން ހާޒިރުވެވަޑައިގަތެވެ. ނަމަވެސް ފުރަތަމަ ހެކިވެރިޔާގެ ހެކިބަސް ނެގިފަހުން އެ ހުރިހާ ވަކީލުން ވަނީ އެ މައްސަލައިން ތަނާޒުލްވާން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.އެ ވަކީލުން ތަނާޒުލްވުމުން ބާކީ ތިބި ދެ ހެކީންގެ ހެކިބަސް ނެގީ އެ ވަކީލުންނާ ނުލައިއެވެ

މި ރޭވެސް މި ޝަރީއަތުގެ އަޑު އެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އެ އަޑު އެހުމުގައިވެސް އޮންނާނީ ހެކިބަސް ނެގުމެވެ.