English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެފައިވަނީ، މަޖިލިސް މެންބަރުން ނޫން އެހެން ބައެއް ފަރާތްތަކުން މިއަދު މަޖިލިސް އިދާރާއަށް ވަނުމާއި ގުޅިގެންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ. މިއަދު މާލޭގައި ކުރިއަށްގެންދިޔަ އެއްވުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޖުލައި 24 ވާ ހޯމަދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެކަމަށް މަޖިލީހުގެ އިދާރާއިން ރަސްމީކޮށް އިއުލާންކޮށްފައި ވަނިކޮށް މަޖިލީހަށް ދިއުމުގެ ނަމުގައި މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ކޯޑަންތެރެއަށް މިއަދު ވަދެފައިވާކަމަށެވެ. އަދި މަޖިލިސް މެމްބަރުން ނޫން ފަރާތްތަކުން މަޖިލީހަށް ވަނުމުން އެފަރާތްތައް މަޖިލީސް އިދާރާއިން ނެރުމަށް މަޖިލީހުގެ ސަލާމަތީކަންކަން ބެލެހެއްއްޓުމަށް ހަރަކާތްތެރިވާ ސިފައިން ރަސްމީކޮށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ކޯޑަން ތެރެއަށް ވަތް މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށް ފުލުުން ވަނީ ހާމަކޮށްފައެވެ. މިމައްސަލަ ތަޙްޤީޤުކުރަމުން އަންނަކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންގެ ގޮތުގައި ހަރަކާތްތެރިވާ މެންބަރުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ކުރިއަށްގެންދާ މ. ކުނޫޒުން ނުކުމެގެން މަޖިލިސް އިދާރާއަށް ދިއުމަށް ފެށި ހިސާބުން ފުލުހުން އެމެންބަރުން ހުއްޓުވުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކުރިކަމަށެވެ. މަޖިލިސް އިދާރާއަށް ވަން މެންބަރުންގެ ތެރޭގައި ޕީ.ޕީ.އެމްގެ ސުލޫކީ ކޮމެޓީން ބެލި މައްސަލަތަކަށްފަހު އެޕާޓީން ވަކިކުރުކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ބައެއް މެންބަރުންވެސް ފެނިގެންދިޔައެވެ.

ޓެގު