އިލެކްޝަންސް ކޮމިޝަނުން ރަތް ރޮނގު ހުރަސްކޮށްފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމަނިކުފާނު ޖަޒީރާ ރައީސްގެ ނަމުގައި ކުރައްވަމުން ގެންދާ ކެމްޕޭންގެ ތެރެއިން އެމްޑީޕީން އއ އުކުޅަހުގައި ބޭއްވި ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބު ފެށިއްޖެ ކަމަށާއި އެއިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ނުފޫޒު ފޯރުވައި ރަތް ރޮނގެއް ހުރަސްކޮށްފި ކަމަށެވެ. އަދި އަލުން އިލެކްޝަންސް ކޮމިޝަން އެކުލަވާލުން ވަރަށް މުހިއްމު ވެއްޖެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
“މިވަގުތު މިވަނީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ހުރަސް އަޅާފައި. ބޭރުގެ ޤައުމުތަކުން އެކަން ބަލާނެ. އެބޭފުޅުންނަށް އެކަން ސާފުވެ ވަޑައިގަންނަވާނެ. ޑިމޮކްރެޓިކް ނިޒާމެއްގެ ތަރަޙަ އަކީ، ބިންގަލަކީ ސިޔާސީ ޕާޓީކަން. ޕާޓީތަކަށް ނުފޫޒު ފޯރުވުމާއި ހުރަސް އެޅުމަކީ އެތައް ބައެއްގެ ނަޒަރުގައި ރަތް ރޮނގު ހުރަސް ކުރުން” ރައީސް ނާޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އަލުން އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ޖަލްސާ ބާއްވަން ޖެހޭ ކަމަށާއި އެކަމަށް މަޖިލީހުގެ ރައީސް ފުރުޞަތުވެސް ދެއްވަން ޖެހޭ ކަމަށެވެ. އަދި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެމެމްބަރުންނަށްވެސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވެން ޖެހޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް އެމްޑީޕީން ޕްރައިމަރީ އިއުލާންކޮށް ހަރަކާތްތައް ކުރިއަށް ގެންދާއިރު، ރައީސް ނަޝީދަށް ޕްރައިމަރީގައި ބައިވެރި ނުވެވޭނެ ކަން އަންގައި އެމަނކުފާނު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފިނަަމަ ޕާޓީ އުވާލާނެކަމަށް ދޭހަވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީއަށް އިންޒާރުވެސް ދީފައެވެ.
އިލެކްޝަން ކޮމިޝަނުން އަމަލު ބަހައްޓާގޮތުން އިދި ކޮޅުޕާޓީ ތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ފަރާތް ތަކުން ބުނަމުންދަނީ ފާޅުގައި ޕީޕީއެމް އަށާއި ރައީސް ޔާމީނަށް ކަންކަން މަގުފައި ކޮށްދީފައި އެފަރާތްތަކާމެދު ކަންތައް ކުރަމުން ގެންދަނީ ގާނޫނާ ގަވައިދާ ޙިލާފަށް ކަމަށެވެ.