English Edition
Dhivehi Edition

އެމްޑީޕީގެ ކުރީގެ ޗެެއާ ޕާސަން އަލީ ވަހީދު، އެމްޑީޕީން ވަކިވެ ގާސިމް އިބްރާހީމްގެ ޖޭޕީއާއި ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.

އަލީ ވަހީދުއެމްޑީޕީން ވަކިވެ ވަޑައިގެންފައިވަނީ މިއަދުގައެވެ. އަދި މިރޭ އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއި ކުުރާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ޖުމްހޫރީ ޕާޓީގެ ހާއްސަ ރަސްމިއްޔާތެއް މިރޭ އޮންނާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޓްވީޓު ކުރައްވާފައިވާ އިރު ގާސިމް ވަނީ އެ ޓްވީޓުގައި އަލީ ވަހީދާ އެކު ހުންނެވި ފޮޓޯއެއް އާއްމު ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވައި އަލީ ވަހީދު ވިދާޅުވެފައިވަނީ އެމްޑީޕީން ވަކިވެވަޑައިގަތް ކަމުގައިވީ ނަމަވެސް ހިތާއި ހިތުގެ ގުޅުމެއް ފޮހެވިގެން ނުދާނެ ކަމަށެވެ.

އަދި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށް އަބަދުވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް އަލީވަޙީދު ވަނީ ވިދާޅުވެފައެވެ

އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މއި މަހުގެ އެއްވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަށްފަހު ރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވި އަލީ ވަހީދުވަނީ އިދިކޮޅުން އުފެއްދި އެމްޔޫއޯގެ ނައިބް ލީޑަރުކަން ވެސް ކުރައްވާފައެވެ.

އަލީ ވަހީދުގެ މައްޗަށް އޭރު ޓެރަރިޒަމްގެ ދައުވާ ވެސް އުފުލިއެވެ. ނަމަވެސް އޭނާ ރާއްޖެ ވަޑައިގަތް ނެތުމުން އެ ޝަރީއަތް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.