English Edition
Dhivehi Edition

އިރާނުން އަނެއްކާވެސް އެހެންބާވަތެއްގެ މިސައިލް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިއުލާންކޮށްފިއެވެ. މި މަސައްކަތް ފަށައިފައި މިވަނީ އިރާނާއި އެމެރިކާ ދެމެދު މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އިރާނުގެ ވެރިރަށް ތެހެރާންގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން، އިރާންގެ ދިފާއީ ވަޒީރު ހޮސެއިން ދެހްޤާން ވިދާޅުވެފައި ވަނީ ‘ސައްޔާދު 3’ ގެ ނަމުން ނަން ދެވިފައި މި މިސައިލް 27 ކިލޯމީޓަރު މައްޗަށް އުދުހޭނެ ކަމަށެވެ. އަދި 120 ކިލޯމީޓަރު ދުރަށް ދަތުރުކުރާނެކަމަށް ދެހްޤާން ފާހަގަ ކުރެއްވިއެވެ. މިމިސައިލަކީ ވައިގެ މަގުން ދަތުރުކުރާ އެހެން މިސައިލް ތަކަށާއި ހަންގުރާމަ މަތީ ޖެޓް އަދި ޑްރޯން ގެ އިތުރުން ހެލިކަޕްޓަރަށް ވެސް އަމާޒް ކުރެވޭ މިސައިލެއް ކަމުގައި ދެހްޤާން ވިދާޅުވިއެވެ. އީރާނުން މިސައިލްތައް އުފައްދާ ވާހަކަ އިއުލާން ކޮށްފައި ވާއިރު، މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅު ތަކެއްވެސް އަޅާފައެވެ. އެމެރިކާއިން މިކަމާ ގުޅިގެން ބުނެފައި ވަނީ އިރާނުގެ މިސައިލް ޕްރޮގްރާމްގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ގޯސް ވަމުން ދާކަމަށެވެ. އޭގެ އިތުރުން 2015 ގެ އިރާން ނިއުކްލިއާ އެއްބަސް ވުމާވެސް މިކަންކަން ހިލާފުވާ ކަމަށް އެމެރިކާއިން ބުނެއެވެ. އިރާނާއި ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމު ތަކާ ދެމެދު 2015 ވަނަ އަހަރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެއީ އޭރު އިރާނުން ކުރިއަށް ގެންދިޔަ ނިއުކްލިއާރ ޕްރޮގްރާމް ހުއްޓާލުމުން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުފުލާނެ ކަމުގައިއެވެ. އެމެރިކާ ރައީސް ވަނީ އިރާނާއި އެކު ކުރީގެ ރައީސް އޮބާމާގެ ދައުރުގައި ހަދާފައިވާ މި އެއްބަސްވުމަކީ ދުނިޔޭގަ ހެދި އެންމެ ދޯހަޅި އެއްބަސްވުން ކަމުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ސިފަކުރައްވާފައެވެ. ނަމަވެސް ދާދި ފަހުން ދެފަހަރެއްގެ މަތިން، ރައީސް ޓްރަމްޕް ވަނީ އިރާނުން މި އެއްބަސްވުމަށް އަމަލް ކުރާ ކަމަށް ބުނެފައެވެ. އެމެރިކާގެ ރައީސް ދާދި ފަހުން ވަނީ ސައޫދި އަރަބީއްޔާ އަށް ވަޑައިގެންފައެވެ. އަދި އެ ގައުމާ އެކު 110 ބިލިއަން ޑޮލަރުގެ އަސްކަރީ އެއްބަސް ވުމެއް ވަނީ އިއުލާން ކޮށްފައެވެ. މިކަމާ ގުޅިގެން އިރާނުން ބުނެފައިވަނީ މި ކަހަލަ ކަންކަމަކީ އެމެރިކާ އިން އިރާނަށް ބިރު ދެއްކުން ކަމުގައި ދެކޭމަށެވެ.

ޓެގު