English Edition
Dhivehi Edition

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި އެންމެ ފަހުގެ ލީގު ޗެމްޕިއަން ނިއުރެޑިއެން ސްޕޯޓްސް ކުލަބް ބައްދަލު ކުރި މެޗުން ނިއު އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ކެޕްޓަން އަލީ އަޝްފާގް ދަނގަޑޭ އާއި އިތުބާރު ގޯލް ކީޕްރު އިމްރާން މުހައްމަދު ނުލައި ފެށި މިމެޗު ނިއު ކާމިޔާބުކޮށްފައިވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

މުހިންމު ގިނަ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީގެން ނިއު މިމެޗަށް ނިކުތް ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ނިއުގެ ޖޯޖް ގޮޓޯ އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީގެ އިސްމާއިލް ޝަފީއު އަށް ދެއްކި ރަތްކާޑާ އެކު ޔުނައިޓެޑް ވިކްޓަރީއަށް ވަނީ މެޗުގެ ބޮޑުބައި އެތް ކުޅުންތެރިއަކު މަދުން ކުޅެން ޖެހިފައެވެ.

ދެ ޓީމްގެ ފަރާތުން ވެސް ފުރަތަމަ ހާފްގައި އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ނިއުއިން ވަނީ ދެވަނަ ހާފް ފަށައިގެން އެ ޓީމްގެ އިތުބާރު ފޯވާޑް ކެޕްޓަން އަލީ އަޝްފާގް ކުޅެން ނެރެފައެވެ.

އަޝްފާގް ކުޅެން ނިކުތުމާއި އެކު ނިއުއިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ޔުނައިޓެޑް ވިކްޓަރީގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަން ފަށާފައެވެ.

އަޝްފާގް ކުޅެން ނިކުތުމާއި އެތްކޮށް ޔުނައިޓެޑް ވިކްޓަރީގެ ފަހަތަށް ބާރު ބޮޑު ވުމެ އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި ވިކްޓަރީގެ މުހައްމަދު ޖާވިޒް އޭރިޔާ ތެރެއިން އަޝްފާގް ވައްޓާލުމުން ލިބުނު ޕެނަލްޓީއެއްގައި ސެންޓޭ ވަނީ ނިއުއަށް މެޗުގެ ލީޑު ނަގާދީފައެވެ.

މިމެޗުން މޮޅުވެ ނިއު 25 ޕޮއިންޓާއި އެކު ލީގުގެ އެއްވަނާގައި ހަމަޖެހިލާފައިވާއިރު ލީގު ކަށަވަރު ކުރުމަށް ނިއުއަށް ހަތަރު މެޗުން ބޭނުންވަނީ ހަ ޕޮއިންޓެވެ.