އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު އީގަލްސް ވާދަކުރި މެޗު ކާމިޔާބުކޮށް އީގަލްސް ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފި އެވެ.
މާލޭ ލީގުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗު އީގަލްސް އިން ކާމިޔާބުކުރީ ފަހު ވަގުތު ޖުމައިލް ޖަލީލް ކާމިޔާބު ކުރި ލަނޑާއި އެކު 1-0 އިން މާޒިޔާ މައްޗަށް ކުރި ހޯދާއިގެންނެވެ.
ރޭގެ މެޗުން މޮޅުވެ އީގަލްސް 10 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ ދެވަނަ މަގާމަށް ޖެހިލި އިރު މި ސީޒަނުގައިވި ތިން ވަނަ ބައްޔާ އެކު މާޒިޔާ އޮތީ 10 މެޗުން ލިބިފައިވަނީ 17 ޕޮއިންޓާއި އެކު ލީގުގެ ތިން ވަނާގައެވެ. ލީގުގެ އެއްވަނާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ ނުވަ މެޗުން 22 ޕޮއިންޓާއެކުގަ އެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މާޒިޔާ އަދި އީގަލްސްއަށް ވެސް ވަނީ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުކޮށްލާފައެވެ.
މެޗާ ބެހޭގޮތުން މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިއީ މާޒިޔާގެ ފެންވަރު ނޫންކަމަށާއި މެޗުގައި ޓީމްދެއްކި ކުޅުމާއި މެދު އެއްވެސް ވަރަކަށް ހިންހަމަ ނުޖެހޭކަމަށެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިމެޗުން އެކަނިވެސް އޭނާގެ ޓީމައައިސް ފައިވާ ކުރިއެރުން ފެންނާނެ ކަމަށާއި ފުރަތަމަ ބުރުގައި މާޒިޔާ އަތުން 2-0 ލަނޑުން ބަލިވެ ފޮއިންޓް ތަކެއް ގެއްލިފައިވާ ކަމަށެވެ.
މޯހަން ބުނީ ފުރަތަމަ ބުރުގައި އޭނާގެ ޓީމު އަތުން ގިނަ ޕޮއިންޓްތަކެއް ގެއްލިފައިވާ ކަމަށާއި މާޒިޔާ ޓީސީ އަތުން ބަލިވެ ވެލެންސި އާއި އެކޮށް ކުޅެ އެއްވަރުވެ ލިބިފައިވަނީ ނުވަ ޕޮއިންޓް ކަމަށެވެ. މޯހަން ބުނީ އެއާއި ހިލާފަށް މި ބުރުގައި ފުރަތަމަ ބުރުގެ ނަތީޖާ ހަނދާން ނަތާލާފައިވާކަމަށެވެ.