އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން ވަނީ މޭއި 22 ވީ އަންގާރަދުވަހު ތޫފާނަކަށް ބަދަލުވެފައި ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މެޓް އިން ވިދާޅުވީ، “މެކުނު” ނަމުން ނަންދީފައިވާ މިތޫފާނުގެ އަސަރު ސީދާ ރާއްޖެއަށް ނުކުރި ނަމަވެސް މިތޫފާނާ ގުޅިގެން މިސަަރަޙައްދުގައި ބާނި ބޮޑުވެ، ކުރިއަށްއޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި، އާއްމުކޮށް އުދަ އަރާ ރަށްރަށަށް އުދައިގެ އަސަރުކުރުމުގެ ފުރުޟަތު އޮތުމުން މިކަމަށް ސަމާލުކަން ދިނުމަށް ދަންނަވާ ކަމަށެވެ.
ތޫފާނު ‘މެކުނު’ މިހާރުހުރީ ރާއްޖޭގެ ހުޅަނގު އުތުރުން ގާތްގަނޑަަކަށް 2050 ކިލޯމީޓަރު ދުރުގައި ކަމަށާއި މިތޫފާނު ދަތުރުކުރަމުންދަނީ މެދުއިރުމައްޗާދިމާލަށް، ރާއްޖެއާ ދުރަށް ކަމަށްވެސް މެޓް އިން ވިދާޅުވެއެވެ.
“އަދި ކުރިއަށް އޮތް 06 ގަޑިއިރު ތެރޭގައި ތޫފާނު ‘މެކުނު’ އިތުރަށް ބާރުގަދަވެ 26 މެއި ވާ ހޮނިިހިރު ދުވަހު ހެނދުނު، އޮމާން އާއި ޔަމަން ގުޅޭ ސަރަޙައްދުގެ އައްސޭރި ހުރަސްކުރާނެކަމަށް ލަފާކުރެވޭ ” މެޓް އޮފީހުން ވިދާޅުވިއެވެ.
މިދުވަސްވަރު ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ އާއްމުކޮށް ހުރިހާ ފަރާތްކުން، ވަކިން ހާއްސަކޮށް ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން އެދިފައި ވެއެވެ.