English Edition
Dhivehi Edition

އެސްޓީއޯއިން ވިއްކާ ޑިސަލާއި ޕެޓްރޯލުގެ އަގު އަނެއްކާވެސް ބޮޑުކުރުމަށް އެކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ކަމަށެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ބޮޑުވާނެ ކަމަށެވެ. ތެލުގެ އަގަށް ގެނައި މިބަދަލާއެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ލިބޭނީ 11.13 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 10.77 ރުފިޔާ އަށެވެ.

މިބަދަލާއެކު މިއަދުގެ ނިޔަލަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 10.72 ރުފިޔާ އަށެވެ. އަދި ޕްޓްރޯލް ލީޓަރެއް ވިއްކަމުން އައީ 10.42 ރުފިޔާ އަށެވެ.

މިއަހަރު ފެށުނުއިރު އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.61 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 9.87 ރުފިޔާ އަށެވެ.

މިއަހަރު ތެރޭ ހަތަރުވަނަ ފަހަރަށް އެސްޓީއޯއިން ޕެޓްރޯލާ ޑިސަލްގެ އަގު މިއަދު ބޮޑުކޮށްފައިވާއިރު އަހަރުގެ ފުރަތަމަ ފަސް މަސްތެރޭ ޑީސަލް ލީޓަރަކުން 1.52 ރުފިޔާ ޕެޓްރޯލް ލީޓަރަކުން 90 ލާރި މިވަނީ ބޮޑުކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ އެސްޓީއޯ އިން އެންމެ ފަހުން ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފައިވަނީ ވަނީ މިއަހަރުގެ މާޗް މަހުގައެވެ.